އެމެރިކާގެ ޓެކްސަސްއަށް އަހަރުގެ މިހާތަނަށް 200 އަށްވުރެ ގިނަ ވެލާ ލައްގާފައިވާ ކަމަށާއި، މީގެ ތެރެއިން ތިންބައިކުޅަ ދެބައި ވެލާ ލައްގާފައިވަނީ މަރުވެގެން ކަމަށް ދިރާސާކުރާ ފަރާތްތަކުން ހާމަކޮށްފިއެވެ.
މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން، މިދިޔަ މަހުގެ 19ވަނަ ދުވަހާއި ހަމައަށް 282 ވެލާ ވަނީ ޓެކްސަސްގެ ބީޗުތަކުން ފެނިފައެވެ. ވެލާތައް ލައްގަމުންދާ ސަބަބެއް ހޯދުމަށް، ކަމާ ގުޅޭ މާހިރުން ދަނީ މަސައްކަތް ކުރަމުންނެވެ.
މި މުއްދަތުގައި އެންމެ ގިނަ އަދަދަކަށް މަރުވެފައިވާ ވެލާ ލައްގާފައިވަނީ ޓެކްސަސްގެ ކަލްހައުން އާއި ކްލެބާގު ކައުންޓީ އާއި ދެމެދުގެ ހިސާބުތަކަށެވެ. އެމެރިކާގެ ކަނޑުތަކުން އެންމެ އާއްމުކޮށް ފެންނަނީ ލޮގަރ ހެޑް ޓާޓަލް ނުވަތަ ބޯ ބޮޑު ވެލާއެވެ. އެހެން ނަމަވެސް މި ފަހުގެ އަހަރުތަކުގައި ބޯ ބޮޑުވެލާގެ އާބާދީ ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ވެލާތަކަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ މަސްވެރިކަމަށް ބޭނުންކުރާ އާލާތްތަކެވެ.
ސައިންސްވެރިން ދަނީ ވެލާތައް ލައްގާ ސަބަބުތައް ހޯދުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ކާނެ އެއްޗެއް ލިބުމުގައި ދަތިވުމުން ވެލާތަކުގެ ސިއްހީ ހާލަތު ދަށްވުމާއި، ކަނޑުގެ ލޮނުގަނޑުގެ ކޮލިޓީ ދަށްވުމަކީވެސް ވެލާ ލައްގަން ދިމާވާ ސަބަބުތަކުގެ ގޮތުގައި ދަނީ ދިރާސާ ކުރަމުންނެވެ.
ލައްގާ ވެލާތަކުގެތެރެއިން ދިރިހުއްޓާ ފެންނަ ވެލާތަކަށް ރިހެބިލިޓޭޝަން ސެންޓަރުތަކުގައި ދަނީ ފަރުވާ ދެމުންނެވެ.