މަސްވެރިކަމާއި ގުޅޭ

ސަފީނާ ދޯނި -- ފޮޓޯ/ ފަރެސްމާތޮޑާ މަސްވެރިން
ސަފީނާ ދޯނި -- ފޮޓޯ/ ފަރެސްމާތޮޑާ މަސްވެރިން

ސަފީނާ ދޯނިން ދެ ދުވަހުން 82 ޓަނު މަސް ބޭނި، ރާއްޖޭގެ ރެކޯޑާ ވަރަށް ކައިރި

މި ހަފްތާތެރޭ ސޯޝަލްމީޑިޔާގައި ގިނަ ބައެއްގެ ސަމާލުކަން ހޯދީ، އިރު އޮއްސުނު ވަގުތެއްގައި މަސް ދޯންޏަކުން 31 ޓަނު މަސް ބާނާ ވީޑިއޯއަކަށެވެ. އެއީ ގދ. ފަރެސްމާތޮޑާއަށް ނިސްބަތްވާ "ސަފީނާ" ދޯންޏެވެ.

އޭގެ ދެ ދުވަސްފަހުން އެ ދޯނިން ވަނީ 51 ޓަނު 732 ކިލޯ މަސް ބާނާފައެވެ.

ދޯނިން އަލަށް މި އަދަދަށް މަސް ބާނާފައި ވާއިރު، މިހާތަނަށް ކޫއްޑޫއަށް އެންމެ ގިނަ މަސް ބޭނި ރިކޯޑު އޮތީ ގދ. ތިނަދޫ ރަސްމަގު ދޯނީގައެވެ. އެ ދޯނިން ވަނީ 2006 ވަނަ އަހަރު، އެއް ދުވަހުން 53 ޓަނު މަސް ބާނާފައެވެ.

ސަފީނާ ދޯނިން މިފަހަރު ބޭނި އަދަދާ އެންމެ ގާތްކުރާ އަދަދަކަށް މީގެ ކުރިން މަސް ބާނާފައި ވަނީ މިދިޔަ ރޯދަމަހުއެވެ. އެއީ 50 ޓަނު 600 ކިލޯއެވެ. ނަމަވެސް އެދުވަސްވަރު މަސް ކިރަމުން ދިޔައީ، ދޯންޏަކުން ދުވާލަކަށް ފަސް ޓަނު މަހެވެ. އެހެންކަމުން އެއް ދުވަހުން ބޭނި މަސްކޮޅުން ދޯނީގެ ރެކޯޑު އާ ނުކުރެވުނީއެވެ.

މިދިޔަ ހޮނިހިރު ދުވަހު ސަފީނާ ދޯނިން 31 ޓަނު މަސް ބާނައި، އެ މަސް ކިރާފައި ވަނީ އާދީއްތަ ދުވަހުއެވެ. އެ ދުވަހުގެ މެންދުރު 2 ޖަހާކަންހާއިރު މަސް ކިރާ ނިމުނު އިރު، ދޯނިން އޮތީ އެން އަޅައިގެންނެވެ. އެހެންކަމުން މަސްކޮޅު ކިރާ ނިމުމުން އެދުވަހު ހަވީރު އަނެއްކާވެސް މަސް ބާނަން ނުކުތީއެވެ. އަދި ހޯމަ ދުވަހު 51 ޓަނު މަސް ބާނައިގެން އަންގާރަ ދުވަހުގެ ރޭ މަސްކޮޅު ކިރީއެވެ.

ދޯނީގެ ރެކޯޑު އަދަދަކަށް މަސް ބޭނީ ތިނަދޫ ކަނދުފައްޗާ ދިމާ ބޭރުންނެވެ. އެއީ ގާތްގަނޑަކަށް 35 މޭލު ބޭރެވެ.

ޖުމުލަ 29 މަސްވެރިން ހަރަކާތްތެރިވާ ސަފީނާ ދޯންޏަކީ 107 ފޫޓު ބޮޑު ދޯންޏެކެވެ. ގިނަ އަދަދަކަށް މަސް ބޭނި ސަފީނާ ދޯނީގެ މަސްވެެރިން ފާހަގަ ކުރާ ގޮތުގައި، އައިސް ލިބުމާއި މަސް ކިރުން ވެސް ވަރަށް ދައްޗެވެ. މަސްވެރިން ލަފާކުރާ ގޮތުގައި، މަސްވެރި މޫސުން ފެށޭއިރު މަސްކިރާ ކުންފުނިތަކަށް ތައްޔާރު ނުވެވެނީއެވެ.

30 ޓަނު މަސްބޭނި ވައިކިންގް ދޯނިން މަސް ނުކިރިގެން 'ދެކޮޅަށް ދުއްވަނީ'

"މިހާރު ވާގޮތަކީ، ހަމަ ތިބެލާފަ މަހެއް ބާނާއިރަށް ދެތިން ދުވަސް ވާއިރު އައިސްއެއް ނުލިބޭ. ދެން ޖެހެނީ އެއް ރަށުން އަނެއްރަށަށް ދުއްވަން. ކިޔުގަ އޮންނާނެ ހަތަރު ފަސް ދޯނި. މަސްކޮޅު ފިންޏެއް ނުވާނެ. ކޮންމެ ގޮތެއް ހަދާފަވެސް މަސްކޮޅު ފިނި ނުވާކަމަށްވަންޏާމުން، ތިން ހަތަރު ފަސް ގަޑިއިރު ތެރޭގަ މަސް ރޮލާ ހުންނަންޏާ އެ ހަލާކުވާނެ. އޭގެ ކޮލިޓީ ދަށްވާނެ. އެއީ މިހާރު އަސްލު ދިމާވާ މައްސަލައަކީ،" ސަފީނާ ދޯނީގެ މަސްވެރިއަކު ބުންޏެވެ.

އައިސް ހޯދަން ހުރި ދަތިތައް ފާހަގަ ކުރަމުން މަސްވެރިން ބުނީ، އައިސް ހޯދަން އެއް ރަށަށް ގުޅުމުން، އެދުވަހު ދޫކުރަން ހަމަޖެހިފައިވާ ލިމިޓަށް އައިސް ދޫކޮށް ނިމިފައިވާ ވާހަކަ ބުނުމުން، ދެން ޖެހޭނީ އެހެން ރަށަކަށް ގުޅަން ކަމަށާއި އެހެން ރަށަކަށް ގުޅާއިރު ބުނަނީ އައިސް ޕްލާންޓް ހަލާކުވެއިވާ ވާހަކަ ކަމަށެވެ.

މިހާރުވެސް އެ ސަރަހައްދުގައި ހަލާކުވެފައި ދެތިން ޕްލާންޓް ހުންނާނެ ކަމަށް މަސްވެރިން ބުނެއެވެ.

"އަމިއްލަ ރަށުގަ ހުރި ޕްލާންޓް ވެސް ހަލާކުވެފަ، ކޫއްޑޫއިންވެސް އައިސް ނުލިބުނު. އެހެންވެ ވަރަށް ދުރަށް ދުއްވައި، ގދ. ފަރެސްމާތޮޑާއަށް ދިޔައީ އައިސް ހޯދަން. ތިން ގަޑިއިރުގެ ދަތުރެއް ކޮށްފަ ދިޔައިރު ރަށުގެ އައިސްޕްލާންޓް ހަލާކުވެފަ. ދެން ދިޔައީ ގދ. ފިޔޯރީއަށް. އެރަށުން ލިބުނީ ބަރާބަރު ދެ ޓަނު އައިސް. 50 ޓަނު މަސް ކިހިނެތް ފިނި ކުރާނީ،" އައިސް ލިމުބުގެ ދަތިކަން ފާހަގަކޮށް މަސްވެރިއަކު ބުންޏެވެ.

މަސްވެރިކަމުގެ ފަހި މޫސުން ފެށި، ދޯނިތަކުން ދަނީ ގިނަ އަދަދަކަށް މަސް ބާނަމުންނެވެ. އަދި މަސްވެރިކަން ތިޔާގި ވުމާ ގުޅިގެން މާންދުއިން މިހާރު ވަނީ މަސް ގަންނަ ވަރު ލިމިޓްކޮށް، މަހުގެ އަގު ދަށްވެސް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!