ނުވަ އަހަރުގެ ކުއްޖެއް 146 ކިލޯގެ މިޔަރެއް ބާނައިފި

ޒެންޑުރޭ އޭނާ ބޭނި މިޔަރާއި އެކު
ޒެންޑުރޭ އޭނާ ބޭނި މިޔަރާއި އެކު

ނުވަ އަހަރުގެ ކުއްޖެއް 146 ކިލޯގެ މިޔަރެއް ބާނައިފިއެވެ. ސައުތު އެފްރިކާގެ، ވެސްޓަން ކޭޕްޓައުންގައި މަސް ބޭނުމަށް ބީޗަށް ދިޔަ ޒެންޑުރޭ ދި ބެއަރ އެހާ ބޮޑު މިިޔަރެއް ބާނާފައިވަނީ ބޮޑު މީހެއްގެ އެހީއަކާއި ނުލާ އެކަންޏެވެ.

ޒެންޑުރޭ މަހަށް ދިޔައީ އޭނާގެ ބައްޕަ ޒެންޑާ އާއި އެކުއެވެ. އަދި ނަނުގައި ބޮޑު މަހެއް ޖެހުނުކަން އެނގުމުން އޭނާގެ ބައްޕަ ބޭނުންވީ ދަރިފުޅު އަމިއްލަ މަސައްކަތުން އެ މަސް އެއްގަމާއި ހަމައަށް ގެނައުމަށެވެ. އެގޮތުން ޒެންޑްރޭވަނީ އެމިޔަރު އެއްްގަމަށް ގެނައުމުގައި ދެ ގަޑިއިރަށްވުރެ ގިނަ އިރު ހޭދަކޮށްފައެވެ.

އޭނާ އެމަސް އެއްގަމަށް ގެނައުމަށް ކުރި މަސައްކަތް އޭނާގެ ބައްޕަވަނީ ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ގިނަ ބައެއްގެ ސަލާމުކަން މި ވީޑިއޯ އާއި ފޮޓޯތަކަށްވަނީ ލިބިފައެވެ.

ޒެންޑުރޭއަކީ އުމުރުން ހަގު ނަމަވެސް ހުނަރުވެރި މަސްވެރިއެކެވެ. އޭނާ އެންމެ ކުޑައިރުން ފެށިގެން ބައްޕައާއި އެކު މަހަށްދެއެވެ. އޭނާގެ ބައްޕައަކީ މީހުން ގޮވައިގެން މަހަށްދާ ގައިޑެކެވެ. އެ ޙިދުމަތްދޭ ކުންފުންޏެއް އޭނާދަނީ ހިންގަމުންނެވެ.

ޒެންޑުރޭ މީގެ ކުރިން ބެނި މަހަކާއި އެކު ފޮޓޯއަކަށް ހުއްޓިގެން

ޒެންޑުރޭ ބޭނި މިޔަރުވަނީ މިންތައް ނަގާ، ޓެގު ޖެހުމަށްފަހު މޫދަށް ދޫކޮށްލާފައެވެ. މި ޖެހި ޓެގާއި އެކު މިޔަރުގެ ހެދި ބޮޑުވުމާއި ގުޅޭ މުހިއްމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ.

މިއީ ޒެންޑުރޭއަށް ބޭނުނު ފުރަތަމަ މިޔަރެއް ނޫނެވެ. އޭނާވަނީ މީގެކުރިންވެސް މިޔަރު ބާނާފައެވެ. އެހެންނަމަވެސް އެއީ ސައިޒުގެ ގޮތުން މިފަހަރު ބޭނި މަހަށްވުރެ ކުދި މިޔަރުތަކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ