ދުއިސައްތައަށްވުރެ ގިނަ ކޯމަސް އޮސްޓްރޭލިއާގެ ބީޗަކަށް ލައްގައިފިއެވެ. އޮސްޓްރޭލިއާގެ ޓެސްމޭނިއާގެ ބީޗަކަށް ލައްގާފައިވަނީ ޕައިލޮޓު ވޭލް ތަކެކެވެ.
މި ކޯމަސްތައް ސަލާމަތްކުރުމަށް ގިނަ ބަޔަކުދަނީ މަސައްކަތްކުރަމުންނެވެ. ޖުމްލަ 230 ޕައިލޮޓް ވޭލް ލައްގާފައިވާއިރު، އޭގެތެރެއިން 100 އެއްހާ ޕައިލޮޓް ވޭލް މިހާރުވަނީ މަރުވެފައެވެ.
ޓެސްމޭނިއާގެ ޑިޕާޓްމަންޓު އޮފް ނެޗުރަލް ރިސޯސަސް އެންޑު އެންވާރަމެންޓުން ބުނިގޮތުގައި ކޯމަސްތަކަށް އެހީވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި މިހާ ގިނަ އަދަދެއްގެ ކޯމަސް ލައްގަން ދިމާވި ސަބަބެއް ދެނެގަތުމަށްވެސް މަސައްކަތްކުރާނެ ކަމަށް އެ ޑިޕާޓްމަންޓުން ހާމަކުރެއެވެ.
އޮސްޓްރޭލިއާގެ ޓެސްމޭނިއާއަކީ ޕައިލޮޓް ވޭލްގެ އާބާދީ ބޮޑު ހިސާބެކެވެ. އަދި މިއީ އެންމެ ގިނަ އަދަދަކަށް މިގޮތަށް ޕައިލޮޓް ވޭލްތައް ލައްގާ ހިސާބުވެސްމެއެވެ. މިގޮތަށް ކޯމަސްތައް ލައްގާ ސަބަބެއް ބެލުމަށް ދިރާސާތައް ދަނީ ކުރެވެމުންނެވެ. އެގޮތުން ކަނޑުގެ ލޮނު ގަނޑު ހޫނުވުމުން އެއްގަމާއި ކައިރިއަށް އަންނަ ކޯމަސްތައް އިތުުރުވުމާއި، ކޯމަހަކީ އެކީ ގުރޫޕު ހަދާފައި އުޅޭ މަހަކަށްވުމުން، އެންމެ މަހެއްވެސް އެއްގަމުގައި ތާށިވެއްޖެ ނަމަ ދެންތިބި މަސްތައްވެސް ދާނެތީ އެގޮތަށް ގިނަ އަދަދެއްގެ ކޯމަސްތައް ލައްގަނީ ކަމަށް މިކަމުގެ ދިރާސާތަކުގައި އުޅޭ ފަރާތްތަކުން ބުނެއެވެ.