މިޔަރެއް ހަމަލާދިނުމުގެ ސަބަބުން ސައުތު އެފްރިކާގައި 39އ، އަންހެނެއް މަރުވެއްޖެއެވެ. ސައުތު އެފްރިކާގެ ޕްލެޓެންބާގް ބޭގައި އާދީއްތަ ދުވަހުގެ ހެނދުނު ހިނގި މި ހާދިސާއަށްފަހު އެ ސަރަޙައްދުގެ ބީޗުތައް ވަނީ ބަންދުކޮށްފައެވެ.
ޙަބަރުތައް ބުނާގޮތުގައި އަންހެން މީހާ އަކީ، ފަތާލަން މޫދަށް ދިޔަ މީހެކެވެ. އެގޮތުން އޭނާ މޫދުގައި އުޅުނީވެސް އެއްގަމާއި ކައިރީގައެވެ. މިޔަރު އޭނާއަށް ހަމަލާ ދިންއިރު، އޭނާގެ ކައިރީ މޫދުގައި އެހެން މީހުންވެސް އުޅުނެވެ.
މިޔަރު ދަތް އެޅުމާއި އެކު އޭނާވަނީ ވަރަށް ބާރަށް ހަޅޭއްލަވާފައެވެ. މިޔަރުވަނީ އަންހެން މީހާގައިގައި ދަތް އެޅުމަށްފަހު މޫދު އަޑިއަށް ދަމައިގަނެފައެވެ. އެ ސަަރަހައްދުގައި ތިބި ބައެއް މީހުން އޭނާ ސަލާމަތްކުރުމަށް އެވަގުތުވެސް މަސައްކަތްކުރިއެވެ. އެހެންނަމަވެސް ގިނަ މީހުން ބިރުން އަވަހަށް ދުވީ އެއްްގަމަށެވެ.
ސައުތު އެފްރިކާގެ ނޭޝަނަލް ސީ ރެސްކިއު އިންސްޓިޓިއުޓުގެ ފަރާތުން ކުރި މަސައްކަތުން އަންހެން މީހާގެ ހަށިގަނޑުވަނީ ހޯދާފައެވެ. އޭގެ ހަށިގަނޑު ފެނިފައިވަނީ އެއްގަމާއި 50 ހަކަށް ފޫޓު ދުރުންނެވެ. އޭރު އޭނާގެ ހަށިގަނޑުގައި ފުން ޒަހަމްތަކެއް ހުރި ކަމަށް ރެސްކިއު އިންސްޓިޓިއުޓުން ހާމަކުރެއެވެ.
މިއީ ޖޫން މަހުގެ ފަހުން އެ ސަރަޙައްދުގައި ހިނގި މިފަދަ ދެވަނަ ހާދިސާއެވެ. އެގޮތުން މިދިޔަ ޖޫންމަހުގެތެރޭގައި، މޫދަށް ގޮސް އުޅުނު މީހަކަށް މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުންވަނީ މަރުވެފައެވެ.
ސައުތުއެފްރިކާގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވީ 25 އަހަރުތެރޭ 37 މީހެއްވަނީ މިޔަރު ހަމަލާދިނުމުގެ ސަބަބުން މަރުވެފައެވެ.