މަސް ކިރުމާއި އައިސް ލިބުމުގައި މަސްވެރިންނަށް ދަތިތައް ކުރިމަތިވާތީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މި ގަރާރު ހުށަހަޅުއްވާފައިފައި ވަނީ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބުރައީސް އަހުމަދު ޝިޔާމްއެވެ. ގަރާރުގައި، މަސް ގަތުން ލިމިޓުކުރުމާއި މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ވަގުތުން ހައްލުކޮށްދިނުމަށް ވަނީ ގޮވާލާފައެވެ.
ޝިޔާމް ވިދާޅުވީ، މަސް ބާނައިގެން ގަދަ އަވީގައި ކިއު ހަދައިގެން އެތައް ދުވަހެއް ވަންދެން މަސްވެރިން ތިބެންޖެހޭ ކަމަށާއި ބައެއް ފަހަރަށް މަހުގެ 90 ޕަސެންޓް އަގު ނުލިބޭ ކަމަށެވެ.
މީގެ އިތުރުން ރަނގަޅު އަގެއްގައި އައިސް ނުލިބުމާއި އައިސް އަދި ތެޔޮ ހޯދުމަށް ކިއުގައި އެތައް ދުވަހަކު މަސްވެރިން ތިބެންޖެހޭ ކަމަށް ޝިޔާމްގެ ގަރާރުގައިވެއެވެ.
މާންދޫއިން ދޯންޏަކަށް މަސް ކިރާ ވަރު ލިމިޓް ކޮށް، އަގު ދަށްކޮށްފި
ހުރިހާ މަސްވެރި މޫސުމެއްގައިވެސް މަސްވެރިން އެ ހާލުގައި އުޅެންޖެހޭކަން އެނގިތިބެ ސަރުކާރުން ތައްޔާރުނުވުމުން އަދި މަސް ރައްކާކުރެވޭނެ ކެޕޭސިޓީ އިތުރުނުވުމަކީވެސް މި ގަރާދުގެ މަގުސަދެކެވެ.
މީގެ އިތުރުން މި ގަރާރުގެ މަގުސަދުތަކުގެ ތެރޭގައި، މި ސަރުކާރުގެ ރިޔާސީ މެނިފެސްޓޯގައި އެންމެ ބޮޑު އެއް ވައުދު ގޮތުގައި، މަސްވެރިންނަށް ހަމަ އަގު ދިނުން ހިމެނޭއިރު އެ ވައުދު ފުއްދުމަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރާ ކަމުގެ ޝަކުވާ މަސްވެރިން ކުރަމުންދިއުންވެސް ހިމެނެއެވެ.
"މަސް ޕްރޮސެސްކުރާ ތަންތަނާއި ގޭދޮށު މަސްފެކްޓްރީތަކާއި އައިސްޕްލާންޓުތައް އެޅުމަށާއި އެކަމުގައި އަމަލުކުރަންވީ ގޮތް މަސްވެރިކަމުގެ ގާނޫނުގައި ތަފްސީލުކޮށް ބަޔާންކޮށްފައި އޮތް ނަމަވެސް އެކަންކަން ތަންފީޒު ނުކުރެވި، އަދި އެކަންކަން ކުރުމުގެ އިހުލާސްތެރި ނިޔަތެއް މި ސަރުކާރުގައި ނެތުމަކީ މަސްވެރިން އިތުރަށް މާޔުސްވެފައިވާ ކަމަށްވާތީ އާއި މި ސަރުކާރަށް ހަތަރު އަހަރު ފުރޭއިރު ވެސް މަސްކިރުމާއި މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތަކަށް ހައްލެއް ނުލިބި މަސްވެރިން ބާނާ މަސް ނުކިރުވި، މަސްވެރިން އިތުރަށް ބިކަ ވަމުންދާތީ އެވެ،" ގަރާރުގައިވެ އެވެ.
އެކަންކަމުގެ އިތުރުން، މަސްވެރިކަން ރަނގަޅު ދުވަސްވަރާ ދިމާކޮށް ރާއްޖޭގެ ސަރަހައްދުން މަސްވެރިކަން ކުރާ ބޭރުގެ ބޯޓުފަހަރު އިތުރުވާ ކަމަށާއި އެކަމާ ފިޔަވަޅު ނޭޅި، އެކަންކަން ތަކުރާރުވަމުން ދާތީ މަސްވެރިން ގޮތް ހުސްވެފައިވާ ކަމަށް ގަރާރުގައިވެއެވެ.