މީގެ ދެތިން ދުވަސްކުރިން އޮސްޓްރޭލިއާގެ ޓެސްމޭނިއާގެ ބީޗަށް ލެއްގި 240 ޕައިލޮޓް ވޭލްގެތެރެއިން ލެއްގި ޕައިލޮޓް ވޭލްތަކުގެތެރެއިން 200 އެއްހާ ވޭލް މަރުވެއްޖެއެވެ. އޭގެ ތެރެއިން ސަލާމަތް ކުރެވިފައި ވަނީ 40 ހަކަށް ޕައިލޮޓް ވޭލްއެވެ.
ގާތްގަނޑަކަށް ދުއިސައްތަ ޕައިލޮޓް ވޭލް މަރުވެފައިވާއިރު، މިތަކެތި ބީޗުން ނެގުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން އެއްގަމާއި ދުރަށް ގެންގޮސް ކަނޑަށް ދޫކޮށްލަނީއެވެ. އަދި ބާކީ ހުރި ޕައިލޮޓް ވޭލްތައް އެއްގަމުގައި ވަޅުލާނީ ކަމަށްވެސް ރެސްކިއު އޮޕަރޭޝަންގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ.
ކަނޑަށް ދޫކޮށްލާފައިވާ ޕައިލޮޓް ވޭލްތައް އަނބުރާ އެއްގަމަށް ލެއްގުމުގެ ފުރުސަަތު އެބައޮތް ކަމަށާއި، އަދި އެގޮތަށް މީގެ މަހެއް ލައްގައިފި ނަމަ ކަމާއި ގުޅޭ ވުޒާރާތަކަށް އަވަހަށް އެންގުމަށް ވަނީ އެދިފައެވެ. އަދި އެފަދަ އެއްޗަކާއި ގާތް ނުވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އޮސްޓްރޭލިއާގެ ޓެސްމޭނިއާއަކީ ޕައިލޮޓް ވޭލްގެ އާބާދީ ބޮޑު ހިސާބެކެވެ. އަދި މިއީ އެންމެ ގިނަ އަދަދަކަށް މިގޮތަށް ޕައިލޮޓް ވޭލްތައް ލައްގާ ހިސާބުވެސްމެއެވެ. މިގޮތަށް ކޯމަސްތައް ލައްގާ ސަބަބެއް ބެލުމަށް ދިރާސާތައް ދަނީ ކުރެވެމުންނެވެ. އެގޮތުން ކަނޑުގެ ލޮނު ގަނޑު ހޫނުވުމުން އެއްގަމާއި ކައިރިއަށް އަންނަ ކޯމަސްތައް އިތުުރުވުމާއި، ކޯމަހަކީ އެކީ ގުރޫޕު ހަދާފައި އުޅޭ މަހަކަށްވުމުން، އެންމެ މަހެއްވެސް އެއްގަމުގައި ތާށިވެއްޖެ ނަމަ ދެންތިބި މަސްތައްވެސް ދާނެތީ އެގޮތަށް ގިނަ އަދަދެއްގެ ކޯމަސްތައް ލައްގަނީ ކަމަށް މިކަމުގެ ދިރާސާތަކުގައި އުޅޭ ފަރާތްތަކުން ބުނެއެވެ.