މަސްވެރިކަމާއި ގުޅޭ

tuna_manzoni

ކޯވިޑް-19ގެ ސަބަބުން ޖަޕާނުގެ ބާޒާރުގައި ކަނޑުމަހުގެ ޑިމާންޑު ވަރަށް ބޮޑަށް ދަށްވެއްޖެ

ކޯވިޑް-19ގެ ސަބަބުން ޖަޕާނުގެ ބާޒާރުގައި ކަނޑުމަހުގެ ޑިމާންޑު ވަރަށް ބޮޑަށް ދައްވެއްޖެއެވެ.

ޖަޕާނަކީ ދުނިޔޭގެ 2 ވަނައަށް އެންމެ ގިނައިން ކަނޑުމަހުގެ ޑިމާންޑް އޮންނަ ޤައުމެވެ. ނަމަވެސް ކޯވިޑް-19 ގެ ސަބަބުން ދުނިޔޭގެ ގިނަ ޤައުމުތަކުގައި ފުރަބަންދު އިއުލާންކުރިއިރު، ޖަޕާނުގައިވެސް ފުރަބަންދު އިއުލާންކުރުމުން، ރެސްޓޯރެންޓް ކެފޭ ފަދަ ތަންތަނުން ކަނޑުމަހުގެ އުފެއްދުންތައް ތައްޔާރުކޮށް ވިއްކުން މަޑުޖެހުނެވެ. މިކަމުގެ ސަބަބުން ޖަޕާނުގެ ބާޒާރުގައި ކޯވިޑް-19 ގެ ކުރިން ކަނޑުމަހަށް އޮތް ޑިމާންޑު ވަނީ ވަރަށް ބޮޑަށް ދައްވެފައެވެ.

ޖަޕާނުގައި ކަނޑުމަހުގެ ވިޔަފާރި ކޮށް، ކަނޑުމަހުން އުފައްދާ ތަކެތި ވިއްކާ ފަރާތްތަކުން އުންމީދުކޮށްގެން ތިބީ މޭމަހުގެ ފަހު ކޮޅު ފުރަބަންދުގެ ފިޔަވަޅުތައް ލުއިކުރުމުން ކަނޑުމަހުގެ ވިޔަފާރި އާއި ކަނޑުމަހުން އުފައްދާ ތަކެތި ވިއްކޭލެއް ގިނަވެ، ބާޒާރުގައި ޑިމާންޑު މަތިވާނެކަމަށެވެ. ނަމަވެސް ފުރަބަންދު ލުއިކުރުމުންވެސް ރެސްޓޯރެންޓުތަކަށްދާ މީހުންގެ އަދަދާއި، އެކި ބާވަތުގެ ހަފްލާތައް ބޭއްވުން މަޑުޖެހިފައިވާތީ، ކަނޑުމަހުގެ ކާނާއާއި އެހެނިހެން އުފެއްދުންތަކުގެ ވިޔަފާރި އަދިވެސް ވަނީ ވަރަށް ދަށްކޮށެވެ.

މިކަމުގެ ސަބަބުން ޖުލައިމަހުގެ ނިޔަލަށް އައިއިރު ޖަޕާނުގެ ބާޒާރުގައި ކަނޑުމަހުގެ އަގު ވަނީ އޭގެ ކުރީ އަހަރުގެ އެމުއްދަތާއި އަޅާކިޔާއިރު 8.4 އިންސައްތަ ވެއްޓިފައެވެ.

ޖަޕާނުގެ ރެސްޓޯރެންޓުތަކަށް ދާމީހުން މަދުވުމާއި، ހަފްލާތައް ނުބާއްވާތީ ކަނޑުމަހުގެ ޑިމާންޑު ދަށްވުމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ކަނޑުމަހުގެ ބާވަތްތައް ވިއްކާ ފަރާތްތަކުން ދަނީ ގޭގެއަށް ފިނިކުރި ކަނޑުމަހުގެ ބާވަތްތައް ޑެލިވާރ ކުރަމުންނެވެ. ނަމަވެސް ތާޒާ ކަނޑުމަހުގެ ބާވަތްތަކަށް އޮންނަ ވަރުގެ ޑިމާންޑެއް ފިނިކުރި ކަނޑުމަހަށް ނެތުމުގެ ސަބަބުން މިކަމުން މާބޮޑު ފައިދާއެއް ވިޔަފާރިތަކަށް ނުވެއެވެ.

ޖަޕާނަކީ ގިނަ އަދަދެއްގެ ތާޒާ ކަނޑުމަސް އިންޕޯޓްކުރާ ޤައުމެކެވެ. 2019 ވަނަ އަހަރު އެކަނިވެސް ޖަޕާނުން އެތެރެކޮށްފައިވާ ކަނޑުމަހުގެ އިންޕޯޓްވެލިއު ވަނީ 2018 ވަނަ އަހަރަށްވުރެ 10 އިންސައްތަ އިތުރުވެފައެވެ. ބައިނަލްއަޤްވަމީ ގޮތުން 2018 އަހަރު ކަނޑުމަހުގެ އިންޕޯޓް ވެލިއު ހުރީ 15.7 މިލިއަނަށްވުރެ މަތީގައެވެ. ޖަޕާނަކީ މީގެތެރެއިން އެންމެ ގިނައިން ކަނޑުމަސް އިންޕޯޓުކުރާ ޤައުމެވެ. ނަމަވެސް ކޯވިޑް-19 ގެ ސަބަބުން 2020 ވަނަ އަހަރުގެ ފުރަތަމަ 6 މަހު ޖަޕާނަށް އެތެރެކުރި ކަނޑުމަހުގެ އަދަދު ވަނީ އޭގެ ކުރީ އަހަރާއި އަޅާކިޔާއިރު 18 އިންސައްތަަ ދަށްވެފައެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!