ދިވެހި ރާއްޖޭގައި، ދޮށީގެ މަސްވެރިކަމުގައި އެއްދުވަހުން އެންމެ ގިނަ މަސް ބޭނި ރެކޯޑު ޓީއެސް ލައިން އިން ގާއިމު ކޮށްފިއެވެ.
އެ ދޯނިން ވަނީ 57 ޓަނު މަސް ކޫއްޑުއަށް ކިރުވާފައެވެ. މި މަހުގެ ޖުމްލަ އަގު ނުވަ ލައްކަ ރުފިޔާއަށް އަރައެވެ. މިކަމުގެ އުފަލުގައި މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީ ވަނީ ދޯންޏަށް މަރުހަބާ ދަންނަވާފައެވެ.
"މިދޯނިން ކިރުވި މަަށް ލިބުނު އާމްދަނީއަކީ 971،584 ރުފިޔާ. ދޯނީގެ ފަޅުވެރިންނާއި ކެޔޮޅު ކުރެއްވި ހިތްވަރަށް އައްސަރިބަހާއި ސާބަސް ދަންނަވަން. މިއީ އެންމެ ގިނަ އަދަދަކަށް މިފްކޯއަށް ނިމިދިޔަ އަހަރު މަސްކިރުވި ދޯނިވެސްމެ. އެއީ 1095.805 ޓަނުގެ މަސް" ފައުޒީ ވިދާޅުވިއެވެ.

މިފްކޯއިން މައުލޫމާތު ދިން ގޮތުގައި، ޓީއެސްލައިން ދޯނިން މި އަހަރުގެ އޯގަސްޓް މަހުން ފެށިގެން، މިއަދުގެ ނިޔަލަށް 302 ޓަނު މަސް ވަނީ ކިރުވާފައެވެ. އެއީ 5 މިލިއަން ރުފިޔާ ކަމަށް މިފްކޯއިން ބުނެއެވެ.
މިވަގުތު ކޫއްޑޫއިން ކަނޑުމަސް ގަންނަމުން ދަނީ، ކިލޯއެއް 17 ރުފިޔާގެ ރޭޓުންނެވެ.
މިހާތަނަށް ކޫއްޑޫއަށް އެންމެ ގިނަ މަސް ބޭނި ރިކޯޑު އޮތީ ގދ. ތިނަދޫ ރަސްމަގު ދޯނީގައެވެ. އެ ދޯނިން ވަނީ 2006 ވަނަ އަހަރު، އެއް ދުވަހުން 53 ޓަނު މަސް ބާނާފައެވެ.