ގދ. މަޑަވެލީ ޓީއެސް ލައިން ދޯނީގެ ރެކޯޑާ ގުޅިގެން އަތޮޅުގެ ހުރިހާ މަސްވެރިންނަށް ޖާފަތެއް ދިނުމަށް ރަށު ކައުންސިލުން ތައްޔާރުވާން ފަށައިފިއެވެ.
ޓީއެސް ލައިން ދޯނިން ވަނީ، ދިވެހި ރާއްޖޭގެ ދޮށީގެ މަސްވެރިކަމުގައި އެއްދުވަހުން އެންމެ ގިނަ މަސް ބޭނި ރެކޯޑު ގާއިމު ކޮށްފިއެވެ. އެ ދޯނިން ވަނީ 57 ޓަނު މަސް ކޫއްޑުއަށް ކިރުވާފައެވެ. މި މަހުގެ ޖުމްލަ އަގު ނުވަ ލައްކަ ރުފިޔާއަށް އަރައެވެ.
މި ނޫހާ ވާހަކަ ދައްކަވަމުން މަޑަވެލީ ކައުންސިލްގެ ރައީސް ފިޔާޒް ހުސައިން ވިދާޅުވީ، މި ޔާމިޔާބީ ފާހަގަ ކުރާނީ މަޑަވެލީ ކައުންސިލުން އިސްނަގައިގެން، އަތޮޅު ކައުންސިލާވެސް ގުޅިގެން ކަމަށެވެ.
ޖާފަތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަތެއް ވާ ހުކުރު ދުވަހުއެވެ.
މަޑަވެލީ ދޯނިން ގާއިމު ކުރި ރެކޯޑާއެކު ކައުންސިލާއި އަދި ރައްޔިތުންވެސް ތިބީ ވަރަށް އުފާވެފައެވެ. މަޑަވެއްޔަކީ ނިސްބަތުން ދޯނިތައް މަދު، ނަމަވެސް ވޭތުވެދިޔަ ތިން އަހަރުގަވެސް ރާއްޖޭގެ އެއްވަނަ ދެވަނައިގައި މަސް ބާނާފައިވާ ރަށެކެވެ. އެހެންކަމުން މަޑަވެލި ދޯންޏަކުން ހެދި ރެކޯޑު ބަލައިގަންނަވީ ވަރަށް އުފަލާއެކުގައި ކަމަށް ފިޔާޒު ވިދާޅުވިއެވެ.
"ހުވަދުއަތޮޅަކީ ޒަމާނުއްސުރެން މަސްވެރިކަން އޮންނަ ހިސާބެއް. ބޮޑެތި ކަނޑުއޮޅިތައް އޮވެފަ، ބޮޑު ސަރަހައްދެއް އޮވެފަ، ހާހަލުތައްވެސް ގިނަވެފަ އޮތީމަ" ގދ އިން މަސްވެރިކަން ކުރަން ފަސޭހަ ސަބަބުތައް ކިޔައިދެއްވަމުން ފިޔާޒް ވިދާޅުވިއެވެ.
ޒަމާނީ ހުރިހާ ވަސީލަތަކާއެކީގަ މިހާރު ބޭނުންކުރާ ނުވަ މަސް ދޯނި އެރަށުގައި އޮވެއެވެ. ކޮންމެ ދޯންޏެއް 100 ފޫޓަށްވުރެ ދިގެވެ. އަދި ކޮންމެ ދޯންޏެއްގައި 40 މީހުނަށްވުރެ ގިނައިން މަސައްކަތް ކުރެއެވެ.
"އެކޮމޮޑޭޝަން، ހަމަ ފްރެޝް ވޯޓާއިން ފެންވަރައިގެން އެއާކޯންތަކުގަ ނިދައިގެން، ތިން ކައްކާއިން އުޅޭނެ ކޮންމެ ދޯންޏެއްގަ." ފިޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން މިހާރުވެސް ހަތަރު ދޯނި ބަންނަމުން ދެއެވެ.
ފިޔާޒު ވިދާޅުވި ގޮތުގައި މަޑަވެއްޔަކީ ރާއްޖޭގެ ނިސްބަތުން އެންމެ ޒުވާންކުދިން މަހަށްދާ ދޯނިފަހަރު އޮންނަ ރަށެވެ. އާއްމުކޮށް މަސްވެރިންގެ އުމުރު އުޅޭނީ 40 އަހަރުން ދަށުގައި ކަމަށް ފިޔާޒު ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑުމެންނަކަށް މިހާރު ނެތް މަސްވެރިކަމުގަ އެއްވެސް ގޮންޖެހުމެއް. އަޅުގަނޑުމެން ރަށުން ދޮށި ލިބޭނެ، ޖަނަރޭޓަރު ލިބޭނެ، ފިނިކުރާ ނިޒާމުގެ ހުރިހާ އެއްޗެއް ލިބޭނެ، ދާ ލިބޭނެ. މަޑަވެއްޔަކީ ދެން ހަމަ މަސްވެރިކަމުގެ އެއްވެސް އެއްޗެއް ހޯދަން މަޑަވެލިން ފުރައިގެން ދާން ޖެހޭވަރު ރަށެއް ނޫން." ފިޔާޒު ވިދާޅުވިއެވެ.
އެކި ކަންކަމުގެ އެކި ރަށްރަށުގެ ދޯނިވެސް މަޑަވެއްޔަށް ގާތްކުރެއެވެ. އަދި މަޑަވެލިން ދެވޭ ހިދުމަތްތަކަށް، ކައުންސިލުން ހިތްހަމަ ޖެހެއެވެ.
"އަޅުގަނޑު ހަމަ ވަރަށް އުފަލާއެކު މިހާރުވެސް މި ދަންނަވަނީ، މިހާރުވެސް ހއ ތުރާކުރުން މަހަށްދާ ދޯންޏެއް ވެއްޖެއްޔާ އޮންނާނެ މަޑަވެލިން ގަނެފަ އޮތް ދޮއްޓެއް، މަޑަވެލީގެ ފިޝް ފައިންޑަރއެއް، މަޑަވެލީގެ ބާޑް ފައިންޑަރެއް ހުންނާނެ މިހާރު. ރާއްޖޭގެ އެންމެ ދެކުނުން ބަލަމާ އައްޑުއަތޮޅު، ގިނަ ދޯނިފަހަރުގަ ހުންނާނީ މަޑަވެލީގެ ދޮއްޓާ، މަޑަވެލީގެ ފިނިކުރާ ނިޒާމާއެއްޗެހި" ފިޔާޒު ވިދާޅުވިއެވެ.
މަސްވެރި މަޑަވެލީގައި، މަސްވެރިކަން ކުރާ އެކި ބާވަތްތަކުގެ އެއްޗެއްސަށް ހާއްސަކޮށްފައިވާ ބޮޑު ތިން ފިހާރަ ހުރެއެވެ. އޭގެ އިތުރުން، ކައުންސިލުން ވަނީ މަސްވެރިކަމުގައި ބޭނުންކުރާ ތަކެތި ވިއްކުމަށް ހަތަރު ހާސް އަކަފޫޓުގެ ބޮޑު ބިމެއް ދޫކޮށްފައެވެ.
"އެތާ އެތެރޭގަވެސް ހުސް މަސްވެރިކަމުގެ ކަންތައްތައް ކުރިއަށް ދަނީ" ފިޔާޒު ވިދާޅުވިއެވެ.
އަންނަން އޮތް ދުރު މުސްތަގުބަލުގަވެސް މަސްވެރިކަމަށް ލޯ ހުޅުވި ތިބި ދަރިންތަކެއް މަޑަވެލީގައި ބިނާކުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށް ފިޔާޒު ވިދާޅުވިއެވެ.