ސްރީލަންކާގައި މަހުގެ އަގުތައް ދަށަށް ހިނގައްޖެއެވެ. އެ ގައުމުގެ ސަރުކާރު އޮފިޝަލުންނާއި މަހުގެ ވިޔަފާރިކުރާ ފަރާތްތަކުން މައުލޫމާތު ދޭގޮތުގައި މަހުގެ އަގުތައް ދަށްވެފައިމިވަނީ ތެލުގެ ސަޕްލައި އިތުރުވުމާއި، މަސްވެރިކަމުގެ ސީސަން ފެށުމުންނެވެ.
މަހުގެ އަގުތައްވަނީ ފާއިތުވީ ދުވަސްތަކުގައި އަތް ނުފޯރާ ފަށަށް އުފުލިފައެވެ. އެހެންނަމަވެސް ލަންކާއަށް ދިމާވި ތެޔޮ ލިބުމުގެ ދަތިކަމަށް މިހާރު ހައްލު ލިބި، މަސްވެރިންނަށްވެސް މަހަށް ނިކުމެވޭނެ މަގު ވަނީ ފަހިވެފައެވެ.
ސިލޯން ފިޝަރީޒް ކޯރޕަރޭޝަންގެ މާކެޓިން މެނޭޖަރވެސް ވަނީ މިކަން ފާހަގަކޮށްފައެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު މަހަށް ނިކުމެ މަސް ބާނާ މިންވަރު އިތުރުވެފައިވުމުން މަހުގެ އަގުތައް ދަށަށް ގޮސްފައިވާކަމަށް އޭނާ ބުނެއެވެ. އަދި މިއީ އަހަރަކަށް ފަހު މަހުގެ އަގުތައް ދަށަށް ދިޔަ ފުރަތަމަ ފަހަރުކަންވެސް އޭނާ ފާހަގަކުރެއެވެ.
މަހުގެ ވިޔަފާރި ކުރާ ފަރާތްތަކުން ބުނާގޮތުގައި މަހުގެ އަގުތައްވަނީ 20 އިންސައްތައަށް ދަށަށް ގޮސްފައެވެ. އެގޮތުން ތަލަޕަތު މަހާއި، ކެލަވައްލާ މަހުގެ އަގު ވަނީ ކިލޯއެއް 1500 ރުޕީސްއަށް ދަށަށް ގޮސްފައެވެ. މީގެކުރިން މި ބާވަތްތަކުގެ މަހުގެ އަގުތައް އުޅުނީ ކިލޯއެއް 3000އަށް ވުރެ މަތީގައެވެ.