އެމެރިކާގައި ބޭއްވި މަސް ބޭނުމުުގެ މުބާރާތެއްގައި މަކަރު ހެދި 2 މީހެއް މުބާރާތުން ޑިސްކޮލިފައިކޮށްލައިފިއެވެ.
އެމެރިކާގެ ކްލީވްލޭންޑުގައި ބޭއްވި ލޭކް އެރީ ވޯލްއައި ޓްރެއިލް ފިޝިންގ މުބާރާތުގައި ބައިވެރިވި 2 މީހުން ހިމެނޭ ޓީމުން ވަނީ އެމީހުން ބޭނި މަސްތަކުގެ ބަރުދަން އިތުރުކުރުމަށް ބަރު ބޭނުންކޮށްފައެވެ. މިކަމާ ގުޅޭގޮތުން މި މުބާރާތުގެ އިސް އޮފިޝަލަކު ނޫސްތަކަށް ދީފައިވާ މައުލޫމާތުގައި ވާގޮތުން، އެމީހުން ބާނާފައިވަނީ ފަސް މަސް ކަމަށާއި ބަލާ ބެލުމަށް އޭގެ ބަރުދަން ހުންނާނީ ނުވަ ކިލޯގައެވެ. އެހެން ނަމަވެސް އޭގެ ބަރުދަން 15 ކިލޯއަށް އެރުމުން މަހުގެ ބަނޑު ޗެކްކުރީ ކަމަށެވެ.
އެގޮތުން މަހުގެ ބަނޑަށް ފިތި އިރު ހަރު އެއްޗެއް ފާހަގަކުރެވުމުން، ބަނޑު ޗެކް ކުރި އިރު، މަސް ބޭނުމަށް ބޭނުންކުރާ ދަނގަޑު ބަރުތަކެއް ވަނީ ފެނިފައެވެ.

މުބާރާތުގައި ހިމެނޭ އެހެން ބައެއް ބައިތަކުން ވެސް މިދެމީހުންވަނީ ވަނަތައް ހޯދާފައެވެ. އެ މީހުން އޭރު ހޯދި ވަނަތަކައި ބެހޭގޮތުންވެސް މިހާރުވަނީ ސުވާލު އުފެދިފައެވެ. މުބާރާތުގައި މިފަދަ ގޮތަކަށް މަކަރު ހެދުމުން އެމީހުންގެ މައްސަލަ ވަނީ އޯހާއޯ ޑިޕާޓްމަންޓު އޮފް ނެޗުރަލް ރިސޯސަސް އަށް ހުށަޙަޅާފައެވެ. އަދި އެ ޑިޕާޓްމަންޓުން މިހާރު ވަނީ އެމީހުންގެ މައްސަލަ ބަލަންވެސް ފަށާފައެވެ.
ލޭކް އެރީ ވޯލްއައި ޓްރެއިލް މުބާރާތް ކުރިއަށްދާތާ މިހަރު 20 އަހަރު ވެއްޖެއެވެ. މި މުބާރާތުގައި ތަފާތު އެކި ބައިތައް ހިމެނެއެވެ. އެގޮތުން މި ބައިތައް ކުރިއަށް ގެންދަނީ އަހަރުގެ އެކި ހިސާބުތަކުގައި އެކި މަންޒިލްތަކުގައިއެވެ.