10 މީހުންނާއެކު ޕާކިސްތާނު ބޯޓެއް ނަޑެއްލާ ކައިރިން ފަރަކަށް އަރައިފި

ޕާކިސްތާނު ބޯޓުގައި ތިބި ފަޅުވެރިން -- ފޮޓޯ/ އަހުމަދު ލަތީފް
ޕާކިސްތާނު ބޯޓުގައި ތިބި ފަޅުވެރިން -- ފޮޓޯ/ އަހުމަދު ލަތީފް

10 މީހުންނާއެކު ދަތުކު ކުރި ޕާކިސްތާނު ބޯޓެއް، ގދ. ނަޑެއްލާ ކައިރިން ފަރަކަށް އަރައިފިއެވެ.

ނަޑެއްލާ ކައުންސިލްގެ ނައިބު ރައީސް ފައިސަލް ނަޖީބު މި ނޫހަށް ވިދާޅުވީ، ބޯޓު ފަރަށް އަރާފައި ވަނީ ނަޑެއްލާ އުތުކޮޅުގައި އޮންނަ 'ރޮނޑާދޫ' ކިޔާ ފަޅުރަށެއްގެ ފުއްޓަރު ފަރާތަށް ކަމަށެވެ.

"މިހާރު އެމީހުން ތިބީ ނަޑެއްލާގަ. ފުލުހުންނާ އެމްއެންޑީއެފްގެ ބޭފުޅުންވެސް މިކޮޅަށް ވަޑައިގެން އެބަތިބި މިހާރު،" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އެ ފަޅުރަށް އޮންނަނީ ނަޑެއްލާއާ ފުދޭވަރަކަށް ކައިރީގައި ކަމަށާއި، ނަޑެއްލާގަ ތިބޭއިރު ރީތިކޮށް ބޯޓު ފެންނަ ކަމަށެވެ. އެމީހުން ގެންގުޅޭ ލިޔެކިޔުންތަކުން، އެއީ ޕާކިސްތާނަށް ނިސްބަތްވާ ބޯޓެއްކަން އެނގޭ ކަމަށް ފައިސަލް ވިދާޅުވިއެވެ.

މިފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ފުލުހުންވެސް ވަނީ މި ނޫހަށް ކަަށަވަރު ކޮށްދީފައެވެ.

ފުލުހުން ބުނީ، މި ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ އިއްޔެ އިރުއޮއްސި 8:21 ހާއިރު ކަމަށެވެ. ބޯޓުގައި ތިބި 10 މީހުން މިހާރު ތިބީ ނަޑެއްލާގައި ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

"ބޯޓު ފަރަށް އަރާފައި އޮތް ސަރަހައްދުގައި ފުލުހުންނާއި އެމްއެންޑީއެފް އިން ދަނީ ހަރަކާތްތެރިވަމުން،" ފުލުހުން މައުލޫމާތު ދިނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ