ލަނޑާ އެކްސްޕޯޓް ނުކުރެވުމަކީ އެ މަސައްކަތް ކުރާ އެންމެންނަށްވެސް ދިމާވެގެން އުޅޭކަމެއް ކަމަށާއި ނުދެވިވާ ފައިސާ މި މަހުގެ ނިޔަލަށް ދީ ޚަލާސް ކުރާނެ ވާހަކަ މަސްވެރިން ކައިރީ ބުނެފައިވާނެ ކަމަށް އެމްޑީޕީ މަޑުއްވަރީ ދާއިރާގެ ނައިބު ރައީސް ހުސައިން ނަޖްމީ (ގައްދޫ ކުޑޭ) ބުނެފިއެވެ.
އޭނާ މިހެން ވިދާޅުވީ، ރ. މަޑުއްވަރީ އެތައް ދޯންޏަކުން ލަނޑާ ގަންނަން ކުޑޭ، ބައި މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ދަރާފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށް މަސްވެރިން ބުނުމާ ގުޅިގެންނެވެ.
ކުޑޭ ބުނީ، އެފަދަ ގޮތަކަށް މަޑުއްވަރީ މަސްވެރިންގެ ފޭސްބުޖް ޕޭޖުގައި ލިޔެފައި ވަނީ، މަދު މީހެއް ބުނި ބުނުމަށް ކަމަށެވެ. އަދި އެއީ ޒާތީގޮތުން މަޑުއްވަރީ މަސްވެރިންގެ ޕޭޖުގަ ޖަހާފަ ވާ އެއްޗެއް ކަމަށެވެ.
"އަޅުގަނޑަކީ މީގެ ތިން އަހަރެއް ކުރިންވެސް ލަނޑާ ގަންނަންފެށި މީހެއް. އަޅުގަނޑު މި މަސައްކަތަށް ނުކުމެގެން، ލަނޑާގެ އަގުވެސް ޖައްސާދިނިން ވަރަށް މައްޗަށް. ދުވަހަކުވެސް މަޑުއްވަރީ، ނޫނީ މި މަސައްކަތް ކުރާ ބޭފުޅުންނަށް ނުލިބޭހާ ބޮޑު އަގެއް އަޅުގަނޑު ހޯދާދިނިން،" ކުޑޭ ބުންޏެވެ.
އެ މަސައްކަތުގެ ތެރޭގައި އުޅެނިކޮށް ކޮވިޑް ފެތުރި، ރަމަޟާން މަހުން ފެށިގެން، ޗައިނާއަށް ލަނޑާ ބޭރު ނުކުރެވޭ ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން ލަނޑާ އެކްސްޕޯޓަށް 'ބްލޮކެއް'އައީ ކަމަށް އޭނާ ބުންޏެވެ.
" ދެން އަޅުގަނޑުމެން މެލޭޝިއާއަށް ފޮނުވާފަ، މެލޭޝިއާކޮޅުން ވެސް ޗައިނާއަކަށް އެންޓަރއެއް ނުވެވޭ. ދެން އެހެންމަ އަޅުގަނޑު އަތު ވަރަށް ބޮޑު އެއްޗެއް ބަންދުވާނެ ދެއްތޯ. އަޅުގަނޑަކީ މިތާ ގާތްގަނޑަކަށް 85 ޕަސެންޓް ލަނޑާ ނެގި މީހެއް. ހަމަ ދެ އަހަރު ވަންދެން، ކޮންމެ މަހަކު ގާތްގަނޑަކަށް 10 މިލިއަން، 15 މިލިއަންގެ މުދާ ނަގަން. އެހެންހުއްޓަ އެ ބްލޮކް އަޅުގަނޑަށް އައީ. އައިމަ އަޅުގަނޑުވެސް ތާށިވާނެ ދެއްތޯ. އެވެސް އަޅުގަނޑު ހިފެހެއްޓިން ލަނޑާގެ އަގު،" ކުޑޭ ބުންޏެވެ.
ކުޑޭ ބުނީ، އައި 'ތާށި' ކަމުގަ، އެ މަސައްކަތް ކުރާ އެހެން މީހުންވެސް އެފަދައިން ފައިސާ ދިނުން ލަސްވެފައި ހުންނާނެ ކަމަށެވެ.
"އަޅުގަނޑު އެ ބޭފުޅުންނަށް އެންގިން، މި މަސް ނިމުމުކުރިން އަޅުގަނޑު ހުރިހާ ލާރިއެއް ހަލާސްކޮށްދޭނަމޭ. އެއީ އަޅުގަނޑަށް އެކޮޅުން އަންގާފަ އޮތީ، މި މަސްތެރޭގަ މުދާ ބޭރު ކުރެވޭނޭ. އެހެންމަ ބޭރު ކުރެވެންޏާ އަޅުގަނޑަށް ފައިސާގެ އެއްވެސްކަހަލަ ތާށިކަމެއް ނާންނާނެ، ކުޑޭ ބުންޏެވެ.
މަޑުއްވަރީގެ ތާރީހުގައިވެސް ނުދޭހާ ބޮޑަށް ލަނޑާގެ އަގު ހިފަހައްޓާދީފައި ވާނެ ކަމަށް ކުޑޭ ބުނެއެވެ.