ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން -- ފޮޓޯ/ މަޖިލިސް
ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން -- ފޮޓޯ/ މަޖިލިސް

އިންޑިއާ ކަނޑުގެ، ކަނޑުމަހުގެ ސްޓޮކް އިއާދަކުރުމުގެ މަސައްކަތުގައި އައިއޯޓީސީ ވަނީ ފެއިލްވެފައި: މިނިސްޓަރު

އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ސްޓޮކް އިއާދަކުރުމުގެ މަސައްކަތުގައި، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) އިން ވަނީ ފެއިލްވެފައި ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، 17 ވަނަ އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ކޮންފަރެންސް ކުރިއަށް ދަނީ ތައިލެންޑުގެ ބެންކޮކްގައެވެ.

އެހެން ގައުމުތަކުގައި މަސްވެރިަކން ކުރުމުގައި ގެންގުޅޭ އުކުޅުތަކާ އަޅާ ބަލާއިރު، ރާއްޖޭގައި މަސްވެރިކަމުގައި ބޭނުންކުރާ އުކުޅުތައް ވަރަށް ތަފާތުކަން ފާހަގަ ކުރައްވައި، ރާއްޖޭގައި މަސްވެރިކަން މުހިންމުވާ ސަބަބުތަކުގެ މައްޗަށް މިނިސްޓަރ ވާހަކަފުޅު ދެއްކެވިއެވެ.

"ރާއްޖެ ބިނާކުރެވުނީ އަޅުގަނޑުމެންގެ ދޮށީގެ މަސްވެރިކަމުގެ މައިބަދައިގެ މައްޗަށް. މަސްވެރިކަމަކީ އަޅުގަނޑުމެންގެ ދިރިއުޅުމާ ނުހަނު ގުޅި ލާމެހިފައި އޮތް ކަމެއް. ކަނޑުމަހާއި މިއަށްވުރެ ވަރުގަދަ ގުޅުމެއް އެހެން ޤައުމުތަކުން އޮވެދާނެކަމަށް ޤަބޫލެއް ނުކުރަން. އެއީ ޙަޤީޤަތުގައި އަޅުގަނޑުމެންގެ ލޭގައި ހުންނަ އެއްޗެއް. ކަނޑުމަހަކީ އަޅުގަނޑުމެންގެ ފުޑް ސެކިއުރިޓީ، އަޅުގަނޑުމެންގެ ވަޒީފާ، އަޅުގަނޑުމެންގެ މައިގަނޑު ފިޒިކަލް އެތައް ސަތޭކަ އަހަރެއް ވަންދެން ބޭރު ފައިސާގެ މައިގަނޑު ވަސީލަތް" މިނިސްޓަރ ވިދާޅުވިއެވެ.

މަހުގެ ސްޓޮކް ރިކަވަރީއަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭންޖެހޭކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި މަސްވެރިކަމުގެ މުހިންމުކަން ރާއްޖެއަށް ވަރަށް ބޮޑު ނަމަވެސް، މަސްވެރިންނަށް ލިބެނީ ވަރަށް ކުޑަ އާމްދަނީއެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ ފުރިހަމަ މެމްބަރެއްގެ ގޮތުގައި ދިވެހިރާއްޖެ ހިމެނިފައި ވާއިރު، އައިޓީސީން މަހުގެ އިއާދަކުރުމުގައި ހަރުދަނާ އުސޫލުތައް ގާއިމު ކޮށްފައި ނެތުން މިނިސްޓަރު ސިފަކުރެއްވީ، މަސްވެރިކަމަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.

އެހެންކަމުން، ދެމެހެއްޓެނިވި ގޮތުގައި އެކަން ކުރުމަށް ހާއްސަ އަހައްމިޔަތުކަމެއް ދިނުމާއި، ސްޓޮކް އިއާދަކުރުމުގައި ހަރުދަނާ އުސޫލު ގާއިމު ކުރުމަށް މަދަނީ މުޖްތަމަޢާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އެމްއެސްސީ އަދި އެހެނިހެން އިކޯ ލޭބަލްތައް އަމަލީގޮތުން ހަރަކާތްތެރި ވުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!