މަސް ބޭނުމަށް ބޭނުންކުރާ އާލަތްތަކުގެ 2 އިންސައްތައަކީ ކަނޑުތަކަށް ދޫވެގެންދާ އެއްޗެހި ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
'ދަ ކޮންޒަވޭޝަން'އިން ކުރިއަށް ގެންދިޔަ ދިރާސާއެއްްގައި ވަނީ، ޕޭރޫ، އިންޑޮނޭޝިއާ، މޮރޮކޯ އަދި އެމެރިކާގެ 450 މަސްވެރިއަކާއި އިންޓަރވިއު ކޮށްފައެވެ. އަދި އެމީހުންގެ އަތުން ކަނޑަށް ދޫވެގެންދަނީ މަސްވެރިކަމުގެ ކިހާ އަދަދެއްގެ އަދި ކޮންކޮން ބާވަތެއްތޯވެސް ވަނީ އޮޅުންފިލުވާފައެވެ.
މި ދިރާސާއިން ހޯދުނު ގޮތުގައި ކަނޑަށް ދޫވާ މަސްވެރިކަމުގެ އާލާތްތަކުގެ އަދަދުވަނީ އެތައް ގުނައަކަށް އިތުރު ވެފައެވެ. އަދި ކުރިއަށް އޮތް 65 އަހަރުތެރޭ މި އަދަދުތައް މިގޮތަށް ހުރެއްޖެނަމަ، ކަނޑުތަކުން މި އާލާތްތައް ފެންނަ މިންވަރު ވަރަށް ގިނަ ވާނެއެވެ.
މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތަކުގެ ތެރެއިން ގޯސްޓު ނެޓަކީ އޭގެ ސަަބަބުން ކަނޑުގެ ދިރުންތަކަށް ގިނަ އަސަރުތަކެއް ކުރާ އެއްޗެކެވެ. އެގޮތުން ކޮންމެ އަހަރަކުވެސް، މިފަދަ ދާ ތަކުގައި ޖެހިގެން ކަނޑުގެ އެތައް ދިރުމެއް މަރުވެއެވެ.
ދިރާސާގައި ބައިވެރިވެފައިވާ މަސްވެރިންނަނީ، ގިލް ނެޓްސް، ލޯންގުލައިން، ޕާސްސެއިން ނެޓްސް، ޓްރޯލް ނެޓްސް، ޕޮޓްސް އެންޑު ޓްރެޕްސް ބޭނުންކޮށްގެން މަސްވެރިކަން ކުރާ ފަރާތްތަކެވެ. މަސްވެރިން ކައިރިންވަނީ މި ބާވަތްތައް މޫދަށް ގެއްލޭ އަދަދުތައް އޮޅުން ފިލުވާފައެވެ.
ދިރާސާއިން ހޯދުނުގޮތުގައި އަހަރެއްގެތެރޭ ކަނޑުތަށް ގެއްލޭ މަސްވެރިކަމުގެ އާލާތްތަކުގެ އަދަދުތައް:
- 740000 ކިލޯ މީޓަރުގެ ލޯންގުލައިން މެއިންލައިން
- 3000 ސްކޮއާރ ކިލޯމީޓަރުގެ ގިލް ނެޓު
- 218 ސްކޮއާރ ކިލޯމީޓަރުގެ ޓްރޯލް ނެޓު
- 75000 ސްކޮއާ ކިލޯމީޓަރުގެ ޕާސް ސެއިން ނެޓް
މީގެއިތުރުން 25 މިލިއަން ޕޮޓްސް އެންޑު ޓްރެޕްސް އަދި 14 ބިލިއަން ލޯންގުލައިން ބުޅި އަހަރެއްގެތެރޭ ކަނޑަށް ގެއްލޭކަމަށް މަސްވެރިން ބުނެއެވެ.
މި ދިރާސާގައި ބަލާފައިވަނީ ވިޔަފާރީގެ ބޭނުމަށް މަސްވެރިކަަން ކުރާ ފަރާތްތަކެވެ. މުނިފޫހިފިލުވުމަށް މަސްވެރިކަންކުރާ ފަރާތްތަކުގެ ސަބަބުން ކަނޑުތަކަށް ދޫވާ އާލާތްތައް ބަލާފައެއް ނުވެއެވެ.