މިފްކޯގެ 29ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެ ކުންފުނީގެ މުވައްޒަފުން ފިޔަވައްޗަށް ޒިޔާރަތްކޮށް، އެތަނުގެ ކުދިންނަށާއި މުވައްޒަފުންނަށް ކިޔެވުމަށް ބޭނުންވާ ތަކެއްޗާއި ފޮތްތައް ހަދިޔާކޮށްފިއެވެ.
އިއްޔެ މިފްކޯއިން ކުރި މި ޒިޔާރަތުގައި، ފިޔަވަތިން އިންތިޒާމުކުރި ކުޑަކުދިންގެ ކުޅިވަރު ދުވަހުގައި ބައިވެރިވެފައިވެއެވެ.
މިފްކޯގެ ފަރާތުން ކުރި ޒިޔާރަތުގައި، އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އިބްރާހީމް އިޒްހާން، ސީއެފްއޯ އިލްޔާސް ހަނީފް އާއި ކުންފުނީގެ ގެނެރަލް މެނޭޖަރުންގެ އިތުރުން ގިނަ މުވައްޒަފުންވެސް ބައިރެރިވިއެވެ.
Team MIFCO visited "Fiyavathi" State Children's Home on Thursday on the occasion of our upcoming 29th Anniversary. pic.twitter.com/1Rd1q7nMO9
— MIFCO (@mifcomv) October 28, 2022
ފިޔަވަތީގެ ފަރާތުން ވަޑައިގަތީ އެމަރުކަޒުގެ ޑެޕިއުޓީ ޑިރެކްޓަރ މުޙައްމަދު ޝަފީޤްއެވެ. މިޒިޔާރަތުގައި މިފްކޯއިން ފިޔަވަތިއާއި ގުޅިގެން ކުރިއަށް އޮތްތާގައި ވެވެން އޮތް އެހީ އާއި އެއްބާރުލުން ވަނީ މަޝްވަރާ ކުރެވިފައެވެ.
މިފްކޯގެ 29 ވަނަ އަހަރީ ދުވަސް މިއަހަރު ވަރަށް ކުލަގަދަކޮށް ފާހަގަކުރަން އެ ކުންފުނިން ވަނީ ނިންމާފައެވެ. އެގޮތުން އެ ކުންފުނީގެ ސޯޝަލް ރެސްޕޮންސިބިލިޓީ ޕްރޮގްރާމް ނިމިގެން ދިޔައިރު، ކުންފުނީގެ މުވައްޒަފުންގެ ގުޅުން ބަދަހި ކުރުމަށް ގިނަ ކުޅިވަރުތަކެއް ރާވައި، ކުރިއަށް އެބަ ގެންދެއެވެ.
އެގޮތުން، ކުންފުނީގެ ހުރިހާ މުވައްޒަފުން ބައިވެރިވާހެން ވޮލީ، ބަށި، އަދި ފުޓްސަލް މުބާރާތްތައް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި މިފްކޯގެ ރާއްޖޭގެ އެކިކަންކޮޅުތަކަށް ބެހިފައިވާ ސައިޓުތަކުންވެސް ކުންފުނީގެ އަހަރީދުވަސް ފާހަގަ ކުރުމުގެ ތައްޔާރީތައް ކުރިއަށް ގެންދާކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
ނޮވެމްބަރު 1، 1993 ގައި ދިވެހިން ބާނާ މަސް ޕްރޮސެސްކޮށް އެކްސްޕޯޓު ކުރުމަށް ސަރުކާރުން އުފެއްދެވި ކުންފުނި، 'މިފްކޯ' އިން މިހާރުވެސް މަސްވެރިކަން ކުރިއެރުވުމަށް ގެންދަނީ ގިނަ މަޝްރޫޢުއެއް ހިންގަމުންނެވެ. މިގޮތުން ސައުދީ ފަންޑު ފޮރ ޑިވެލޮޕްމެންޓްގެ ލޯނުގެދަށުން ކުރިއަށްގެންދާ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެދަށުން ކޫއްޑޫގެ ބަނދަރު ތަރައްޤީ ކުރުމާއި، މިފްކޯގެ ފަރާތުން ކުރިއަށްގެންދާ ކޫއްޑުގެ ބްރައިން ފްރީޒިން ކެޕޭސިޓީ އިތުރުކުރުމުގެ ޕްރޮޖެކްޓާއި، އިންޑިއާގެ އެގްޒިމް ބޭންކުގެ ދަށުން ހިންގާ ފެލިވަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުއަކީ މިފްކޯއިން މަސް ޕްރޮސެސްކޮށް އެކްސްޕޯޓު ކުރުމަށް ކުރަމުންދާ މަސައްކަތް އާ އުސްމިންތަކަކަށް ވާސިލްކޮށްދޭނެ މަޝްރޫއުތަކެކެވެ.