232836256_2635089536796401_3848904805407801274_n-pvoo2qj4xss8j9xrysjazhf0o5ijxeqesequqlgo7c-pwq9x1ae8rua5au8j6uutjkuwon6usegcladr4p9c8

މަސްވެރިންގެ ދުވަހަށް ތައްޔާރުވުމަށް މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްތައް ދަނީ ފުރިހަމައަށް ކުރަމުން: ފިޝަރީޒް މިނިސްޓްރީ

މަސްވެރިންގެ ދުވަހަށް ތައްޔާރު ވުމަށްޓަކައި މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްތައް ދަނީ ފުރިހަމައަށް ކުރަމުން ކަމަށާއި އެ ތައްޔާރީތައް ވުމަށް މިހާރުވެސް ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރަމުން ދާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާއަށް ތައްޔާރުވާން ލިބުނު މުއްދަތު ކުޑަކަމުން، އެ ދުވަސް ފާހަގަ ކުރުމަށް ތައްޔާރީތައް ވުމަށް ގދ. ފަރެސްމާތޮޑާ ކައުންސިލަށް ދަތިތައް ކުރިމަތިވެފައިވާ ކަމަށާއި، އެކަމަށް ބަޖެޓެއްވެސް ނެތް ކަމަށް ފަރެސްމާތޮޑާ ކައުންސިލުން ބުނި ބުނުން ދޮގުކޮށް، ފިޝަރީޒް މިނިސްޓްރީން ބުނީ، މަސްވެރިންގެ ދުވަސް މި އަހަރުވެސް ވަރަށް ކުލަ ގަދަކޮށް ފާހަގަަަ ކުރާނެ ކަމަށެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަން ހަމަޖެހިފައި ވަނީ ގދ. ފަރެސްމާތޮޑާގައެވެ.

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާއަށް ތައްޔާރުވާން ލިބުނު މުއްދަތު ކުޑަކަމުން ފަރެސްމާތޮޑާ ކައުންސިލަށް ދަތިތަކެއް: ބަޖެޓެއްވެސް ނެތް

ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރ ނަސްރުﷲ ހުސައިން މި ނޫހަށް ވިދާޅުވީ، މަސްވެރިންގެ ދުވަސް ފާހަގަކުރާ ރަށް ކަނޑައަޅަނީ އިއުލާނު ކޮށްގެން ޝައުގުވެރުވާ ރަށްރަށުން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ލިބޭ އެންމެ ރަނގަޅު ޕްރޮޕޯސަލް އަށް ކަމަށްވާތީ، ކައުންސިލްތަކުން ތައްޔާރެއް ނުވަމޭ، ނުވަތަ ނޭނގެއޭ ބުނުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރާނެކަމަށާއި، އެކަމަށް އެކަށީގެންވާ ބަޖެޓެއްވެސް އޮންނާނެ ކަމަށް ނަސްރުﷲ ވިދާޅުވިއެވެ.

މީގެ އިތުރުން، މަސްވެރިންގެ ދުވަހަށް ތައްޔާރު ވުމަށް، ކައުންސިލާއެކު ހަފްތާއަކު އެއްފަހަރު މީޓިން ނުބޭއްވުނު ނަމަވެސް، ހުރިހާ ކަމެއްގައިވެސް ކައުންސިލާއެކު ވާހަކަ ދައްކައި މަޝްވަރާ ކުރާކަމަށް ނަސްރުﷲ ވިދާޅުވިއެވެ.

ކައުންސިލާއެކު ހަފްތާއަކު މީޓިންއެއް ނުބޭއްވެނީ، މިދުވަސްކޮޅު މިނިސްޓަރު ވަރަށްގިނަ ދަތުރުތަކުގައި އުޅުއްވާތީ ކަމަށް ނަސްރުﷲ ވިދާޅުވިއެވެ.

"ބަރާބަރަށް ކައުންސިލާ ނެގޯޝިއޭޓް ކުރަމުން މި ދަނީ. މީޓިންގް ނުބޭއްވިކަމުގަވިޔަސް ހަމަ ކަންކަމުގަ ނެގޯޝިއޭޓް ކުރަމުން ދާނީ،" ނަސްރުﷲ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!