ތ.ގުރައިދޫ
ތ.ގުރައިދޫ

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މި އަހަރުވެސް ގުރައިދޫ މަސްދޯނިތަކުގެ މެދުގައި ފުޓްސެލް މުބާރާތް ބާއްވަނީ

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، މި އަހަރުވެސް ތ. ގުރައިދޫ މަސްދޯނިތަކުގެ މެދުގައި ފުޓްސެލް މުބާރާތް ބާއްވަން ނިންމައިފިއެވެ.

ތ. ގުރައިދޫ މަސްވެރި ޖަމިއްޔާގެ ނައިބު ރައީސް މުހައްމަދު ހާނިމް އިން މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކޮންމެ އަހަރަކުވެސް މަސްވެރިންގެ ދުވަސް އެންމެ ކުލަގަދަކޮށް އެރަށުގައި ފާހަގަ ކުރަން ޖަމިއްޔާއިން މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން މި އަހަރުވެސް، ފުޓްސެލް މުބާރާތާއެކު މަސްވެރިންގެ ދުވަސް ފާހަގަ ކުރާނެ ކަމަށެވެ.

ރަށު ކައުންސިލާ ގުޅިގެން، ފަސް ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި މިމުބާރާތް ފެށޭނީ މަސްވެރިންގެ ދުވަހުއެވެ.

މި މުބާރާތުގައި ބައިވެރިވެފައިވާ ހަތަރު ޓީމަކީ، "މާފަތް-4"، "އޯޝަން ލައިފް" އަދި "އައިލާ"ގެ އިތުރުން "ޔުނިޓީ"އެވެ.

ފުޓްސެލް މުބާރާތުގެ އިތުރުން، މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި އެ ޖަމިއްޔާއިން އިންތިޒާމު ކޮށްގެން، ރަށުގެ ކުދިބޮޑު އެންމެންނަށް ދޭ 'ސައިފޮދެއް'ގެ އިތުރުން އެކި ކަހަލަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވާކަމަށް ހާނިމް ވިދާޅުވިއެވެ.

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް، މިދިޔަ އަހަރުވެސް ގުރައިދޫގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔައެވެ.
https://masverin.mv/9845/

އެގޮތުން، ފުޓްސަލް މުބާރާތުގެ އިތުރުން އަންހެނުންގެ ފަރާތުން މަސްވެރިންނަށްދޭ ޚާއްޞަ ޖާފަތާއި، މަސްވެރިންގެ ފަރާތުން ރަށުގެ ކުދިބޮޑު އެންމެންނަށްދޭ ޚާއްސަ ސައި ހިމެނެއެވެ. މިކަންތައްތަކުގެ އިތުރުން އެރަށު މަސްވެރިންގެ ތެރެއިން ފާހަގަކުރެވޭ ފަރާތްތަކަށް ޚާއްޞަ އެވޯޑުތަކެއް ވެސް ވަނީ ދީފައެވެ. މީގެތެރޭގައި އެންމެ ތަޖުރިބާހުރި ކެޔޮޅާއި އެންމެ ޒުވާން ކެޔޮޅުފަދަ މަޤާމްތައް ހިމެނެއެވެ.

ގުރައިދޫގައި މަސްވެރިންގެ ދުވަސް އެހާ ފުރިހަމައަށް ކުރިއަށް ގެންދެވެނީ، ކައުންސިލުން ދޭ އެއްބާރުލުމުގެ ސަބަބުން ކަމަށް ހާނިމް ވިދާޅުވިއެވެ.

"މަސްވެރިން ގޮވާލި ކޮންމެ ގޮވާލުމަކަށް ދެކޮޅު ނަހަދާ، އަމިއްލަ ކަމެއް ގޮތަށް ދެކިގެން ކަންތައްތައް ކޮށްދޭތީ، ޖަމިއްޔާގެ ހުރިހާ މެމްބަރުންގެ ނަމުގައި ކައުންސިލަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،" ހާނިމް ވިދާޅުވިއެވެ.

މަސްވެރިންގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ. މި އަހަރު މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ގދ. ފަރެސްމާތޮޑާގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!