ވާވޮށި ވެލާގެ އާބާދީ ހިމާޔަތްކުރުމަށްޓަކައި އިންޑިއާގެ އޮޑިޝާ ސްޓޭޓުގައި އެއްގަމާއި 20 ކިލޯމީޓަރު ކައިރިން މަސްވެރިކަން ކުރުން މަނާކޮށްފިއެވެ.
އެ ސަރަޙައްދުގައި މަސްވެރިކަން ކުރުން މަނާކޮށްފައިވަނީ ހަތް މަސް ދުވަހުގެ މުއްދަތަކަށެވެ. އެގޮތުން އިއްޔެއިން ފެށިގެން، އަންނަ އަހަރުގެ މޭމަހުގެ ނިޔަލަށް މަސްވެރިކަން ކުރުން މަނާވާނެއެވެ.
މަސްވެރިކަން ކުރުން މަނާކޮށްފައިވާ ދުވަސްވަރަކީ އެންމެ ގިނަ އަދަދަކަށް ވާވޮށި ވެލާ ބިސް އަޅަން އަރާ ދުވަސްވަރެވެ. އެހެންކަމުން މި ބާވަތުގެ ވެލާގެ އާބާދީ އިތުރުވެގެން ދިޔުމަށް މި ނިންމުމާއި އެކު އެހީތެރިވެދޭނެ ކަމަށް އޮޑިޝާ ސްޓޭޓުގެ ސަރުކާރުން ދެކެެއެވެ.
މި ނިންމުމަށް އަމަލުކުރެވޭތޯ ބެލުމަށް، ކަމާގުޅޭ ފަރާތްތަކުން ހަރަކާތްތެރިވާނެއެވެ. އަދި މިކަމާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުމަށްވެސް ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ.
މިދިޔަ އަހަރުތެރޭ 3.5 ލައްކަ ވެލާ ވަނީ އެ ސަރަހައްދަށް ބިސް އަޅާފައެވެ. އެދުވަސްވަރު ދާ ޖަހައިގެން މަސްވެރިކަން ކުރަމުންދިޔަ 202 ފަރާތެއްްވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮަސްފައެވެ.