ފިޔޯރީ- ފޮޓޯ- ފިޔޯރީ ކައުންސިލް
ފިޔޯރީ- ފޮޓޯ- ފިޔޯރީ ކައުންސިލް

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ފިޔޯރީގައި މަސް ރޭހެއް

މިއަހަރު މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގދ. ފިޔޯރީގައި މަސް ރޭހެއް ބޭއްވުމަށް ނިންމައިފިއެވެ.

ފިޔޯރީ ކައުންސިލުން ބުނީ މި އަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅީގެން ބާއްވާ 'މަސްރޭސް 2022' ބޭއްވުމަށް ކައުންސިލްގެ ހަތަރުވަނަ ވަނަ ދައުރުގެ 70 ވަނަ ޢާއްމު ޖަލްސާއިން ވަނީ ނިންމާފައިވާ ކަމަށެވެ.

ކައުންސިލުން މިހާރުވަނީ  މަސްރޭސް އިންތިޒާމުކުރަން ޝައުގުވެރިވާ ކުލަބް/ޖަމިއްޔާތައް ހޯދުމަށް އިއުލާނު ކޮށްފައެވެ. އެގޮތުން މިކަމަށް ޝައުގުވެރިވާ ކުލަބް/ ޖަމިއްޔާތަކުން މިމަހުގެ 7ވަނަ ދުވަހުގެ ހެދުނު 10:30 އަށް ކައުންސިލް އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްވަނީ އެދިފައެވެ.

މިމުބާރާތް އިންތިޒާމްކޮށް ހިންގައިދޭނެ ގޮތުގެ ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ މިމަހުގެ 10ވަނަ ދުވަހުގެ ހެދުނު 11:00 ގައި ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމުގައި މިކަމަށް ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. މަޢުލޫމާތު ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކާއި، ޕްރޮޕޯޒަލް ހުށަހަޅަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ކަމަށް ކައުންސިލުން ހާމަކުރެއެވެ.

ހުށަހަޅާ ޕްރޮޕޯސަލްތަށް އިވެލުއޭޓް ކުރުމަށްފަހުގައި، އެންމެ މަތީ މާރކްސް ލިބޭ ޕްރޮޕޯސަލް ހުށަހެޅި ފަރާތާއި އެކު އެގްރީމެންޓް ހެދިގެން މުބާރާތް އިންތިޒާމްކޮށް ހިންގުމަށް ރޭވިފައިވާކަމަށް ފިޔޯރީ ކައުންސިލުން ހާމަކުރެއެވެ.

މަސްވެރިންގެ ދުވަހަކީ ޑިސެމްބަރުމަހުގެ 10ވަނަ ދުވަހެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ގދ. ފަރެސްމާތޮޑާގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!