މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް(މިފްކޯ)ގެ 29ވަނަ އަހަރީ ދުވަހާ ގުޅިގެން، ދިގުމުއްދަތުގެ ޚިދުމަތްތެރިންގެ އަގު ވަޒަންކޮށް، އެވޯޑު ދީފިއެވެ.
މިފްކޯގެ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި ރޭ ބޭއްވި ހަފްލާގައި، ދެ ކެޓަގަރީއަކަށް ބެހިގެން 38 ފަރާތަކަށް ދިގު މުއްދަތުގެ ޚިދުމަތުގެ އެވޯޑު ހަވާލު ކުރިއެވެ. އެވޯޑުތައް ދީފައިވަނީ އެ ކުންފުންޏަށް 15 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކޮށްފައިވާ ދިވެހި މުވައްޒަފުންނަށާއި 10 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ ބިދޭސީ މުވައްޒަފުންނަށެވެ.

މިފްކޯއަށް އެންމެ ގިނަ ދުވަހު ޚިދުމަތްކުރި މުވައްޒަފުންގެ ތެރޭގައި، 22 އަހަރަށްވުރެ ދިގު މުއްދަތެއް ކުންފުނީގައި ހޭދަކުރެއްވޮ ކުންފުނީގެ ސީއީއޯ އިސްމާއީލް ފައުޒީ ހިމެނޭއިރު، އެންމެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވަނީ މިފްކޯގެ ޗީފް އިންޖިނިއަރ ޢަލީ އިބްރާހީމް އެވެ. ޢަލީ އިބްރާހީމް ވަނީ މިފްކޯއަށް 37 އަހަރު ޚިދުމަތް ކުރައްވާފައެވެ.
މީގެ އިތުރުން، 34 އަހަރު ކުރިން ކުންފުންޏާ ގުޅިވަޑައިގަތް ތިން ބޭފުޅުން ކަމަށްވާ ޖެނެރަލް މެނޭޖަރ އަޙްމަދު ޒާހިރު އާއި ޑެޕިއުޓީ ހެޑް ކޭޝިއަރ އަހްމަދު ޝާތިރު އާއި ސީނިއަރ ކާޕެންޓަރ ޢަބްދުﷲ ތައުފީޤަށްވެސް ރޭގެ ހަފްލާގައި އެވޯޑް ހަވާލުކުރެވުނެވެ. އަދި 30 އަހަރު ކުންފުންޏަށް ޚިދުމަތް ކޮށްފައިވާ ސީނިއަރ ވެލްޑަރ ސައީދު ބަޝީރަށްވެސް މިހަފްލާގައި ވަނީ އެވޯޑް ހަވާލު ކޮށްފައެވެ.
ފަނަރަ އަހަރަށްވުރެ ގިނަ ދުވަހު މިފްކޯއަށް ޚިދުމަތްކުރި 24 ފަރާތަކަށް އެވޯޑު ލިބުނުއިރު 10 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރި 14 ބިދޭސީންނަށްވެސް ރޭގެ ހަފްލާގައި އެވޯޑު ހަވާލުކުރެވުނެވެ. މީގެ ތެރޭގައި ހިމެނެނީ ބަނގުލަދޭޝަށް ނިސްބަތްވާ 12 މުވައްޒަފުންނާއި ސްރީލަންކާ އަށް ނިސްބަތްވާ ދެ މުވައްޒަފެކެވެ.