މޫދަށް އަޅާ ޕްލާސްޓިކުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ކުރާ އަސަރުތަކާއި ގުޅޭ ތަފާތު އެކި ދިރާސާތައް ސައިންވެރިން ދަނީ ކުރަމުންނެވެ. އެގޮތުން މި ފަހުން ސައިންސްވެރިން ކުރިއަށް ގެންދިޔަ ދިރާސާއަކުން އާ ހޯދުންތަކެއް ވަނީ ހޯދިފައެވެ.
އެގޮތުން ކަނޑުގެ ދިރުންތަކުގެތެރެއިން އެންމެ ގިނަ އަދަދަކަށް ޕްލާސްޓިކް ކެވެނީ ބޮޑު މަސްކަމަށް ސައިންވެރިން މިވަނީ ބުނެފައެވެ. ދުވާލެއްގެ މައްޗަށް 10 މިލިއަން މައިކްރޯޕްލާސްޓިކް އެތިކޮޅު ބޮޑުމަސް ކައިހައިދައެވެ.
ބޮޑުމަސް އާއްމުގޮތެއްގައި ކައި ހަދަނީ ވަކި ވަކި މަސްތަކެއް ނޫނެވެ. އެއްފަހަރާއި ގިނަ އަދަދެއްގެ މަސްތައް ދިރުވާލަނީއެވެ. މިގޮތަށް މަސްތައް ދިރުވާލާއިރު، އެއާ އެކު މޫދުގައި ހުންނަ ގިނަ އަދަދެއްގެ ޕްލާސްޓިކުވެސް ބަނޑަށް ދެއެވެ.
ކަނޑަށް އުކާލެވޭ ޕްލާސްޓިކްގެ އަދަދުތައް އިތުރުވަމުންދާއިރު، މީގެ ސަބަބުން ބޮޑު މަހަށް ކުރާނެ އަސަރުތައް ދާނީ އިތުރުވަމުންނެވެ.
ސައިންސްވެރިން މި ދިރާސާ ކުރިއަށް ގެންދިޔުމަށް ވަނީ، 65 ހަމްޕްބެކް ވޭލް، 29 ފިން ވޭލް އަދި 126 ބްލޫ ވޭލްގައި ކެމެރާ ޓެގް ހަރުކޮށްގެން މޮނީޓަރކޮށްފައެވެ.
އެގޮތުން ހަމްޕްބެކް ވޭލަށް ދުވާލެއްގެ މައްޗަށް 4 މިލިއަން މައިކްރޯޕްލާސްޓިކް ކެވޭ ކަމަށްވަނީ ރެކޯޑުކުރެވިފައެވެ. ފިން ވޭލް އަށް 6 މިލިއަން ޕްލާސްޓިކް ކެވޭ ކަމަށްވަނީ ރެކޯޑުކުރެވިފައެވެ. އަދި ބްލޫ ވޭލްއަށް ދުވާލެއްގެ މައްޗަށް 10 މިލިއަން މައިކްރޯ ޕްލާސްޓިކް ކެވޭކަމަށްވެސް ވަނީ ރެކޯޑުކުރެވިފައެވެ.