މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާއަށް ރަށް ސާފުކުރުމުގައި ގދ. ފަރެސްމާތޮޑާ މަސްވެރިން ބައިވެރިވެއްޖެއެވެ.
ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު 10 ވަނަ ދުވަހު ފާހަގަ ކުރާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ މިއަހަރު ބާއްވަން ހަމަޖެހިފައި ވަނީ ފަރެސްމާތޮޑާގައެވެ. އެހެންކަމުން އެ ދުވަހަށް ތައްޔާރު ވުމަށްޓަކައި އެރަށުން ވަނީ ގިނަ މަސައްކަތްތަކެއް ފަށާފައެވެ.
އެގޮތުން، ރަށް ސާފު ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދާއިރު، ރަށު ސްކޫލާއި އިދާރާތަކުގެ އިތުރުންރަށުގެ އެކި މަސްދޯނިފަހަރުންވެސް ދަނީ ބައިވެރި ވަމުންނެވެ.

ސާފު ކުރުމުގެ ހަރަކާތުގެ ފޮޓޯތައް ހިއްސާ ކުރަމުން ފަރެސްމާތޮޑާ ކައުންސިލުން ބުނީ، މަސްވެރިންގެ ދުވަހެއް ފަރެސްމާތޮޑާގައި ފާހަގަ ކުރާނީ، މަސްކަނޑުތަކާއި އެރަށާ ގުޅުމެއް ވާތީ ކަމަށެވެ. ފަރެސްމާތޮޑާގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ސަރުކާރުން ހަމަޖެއްސުމާ ގުޅިގެން ރަށް ސާފުކޮށް ޒީނަތްތެރި ކުރުމަށް ކައުންސިލުން ކުރިއަށް ގެންދާ ސާފުކުރުމުގެ ޕްރޮގްރާމްގައި "ބާޚިރާ" ދޯންޏާއި "ޑެއިޒީވިއު" ދޯނީގެ އިތުރުން "ސަފީނާ" ދޯނި އަދި "ރަންކުރި" ދޯންޏާއި "ގެލެރީ މިޝަން" ދޯނިންވެސް ވަނީ ބައިވެރި ވެފައެވެ.
ފަރެސްމާތޮޑާ މަސްވެރިންނަކީ ހިތްވަރުގަދަ، މުރާލި އަދި ރަށުގެ ކަންކަމުގައި އިސްނަގާ، ނަމޫނާ ބައެއް ކަމަށް ކައުންސިލުން ބުންޏެވެ. އަދި ފަރެސްމާތޮޑާ މަސްވެރިން ކޮންމެ ކަމެއްގައިވެސް ނަމޫނާ ދައްކާ ކަމަށް ކައުންސިލުން އުފަލާއެކު ފާހަގަ ކުރިއެވެ.