އިންޑިއާގެ ބެންގަލޫރު ސިޓީގެ މަސްވެރިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހާއްސަ މަސައްކަތްތަކެއް އެޤައުމުގެ ސަރުކާރުން ފަށައިފިއެވެ.
ކަރްނާޓަކާ ފިޝަރީޒް ޑިވެލޮޕްމަންޓު ކޯރޕަރޭޝަނާއި ގުޅިގެން، މަޓްސްޔާ އަޝްރާޔާ ސްކީމްގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތުގައި 5000 ގެ އިމާރާތް ކުރުމަށްވަނީ ހަމަޖެހިފައެވެ.
ބޯހިޔާވަހިކަމެއް ނެތް މަސްވެރިންނަށް އަމާޒުކޮށްގެން އިމާރަތްކުރާ މި ގެތައް 2022- 2023އަށް ހިނގާ ފިސްކަލް އަހަރުތެރޭގައި ނިންމުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ. ގެތައް މަސްވެރިންނާއި ހަވާލުކުރުމާއި މި ސްކީމުގެ ދަށުން ބޯހިޔާވަހިކަމަށް ޝަރުތު ހަމަވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
ބެެންގަލޫރުގައި މަސްވެރިކަމުން އާމްދަނީ ހޯދާ ގިނަ އަދަދެއްގެ އާއިލާތައް ދިރިއުޅެއެވެ. މީގެތެރެއިން ގިނަ އަދަދެއްގެ ބަޔަކީ ދަތި ހާލުގައި ދިރިއުޅޭ، ދާއިމީ ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކެވެ.