މަސްވެރިކަމުގައި އުޅުނު މަސްވެރިއެއްގެ މެޔަށް ތަދެއް އަރައި، ހާލު ސީރިއަސްވެގެން އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައި ކަމަށް ކ. ގުޅީ ކައުންސިލުން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނީ، މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގައި އޮތް ހާލު ބޮޑު ބަލި މީހަކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ އެހީތެރިކަމާއެކު ބ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ.
ހާލުބޮޑުވެފައި ވަނީ، ބ. ތުޅާދޫގެ ހުޅަނގުން 14 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަމުންދިޔަ "ސަވޭރާ" ނަމަކަށް ކިޔާ މަސް ދޯނީގައި ހުރި އުމުރުން 33 އަހަރުގެ މުހައްމަދު އަކުރަމްއެވެ.
އޭނާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިއަދު 10:39 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ގުޅީ ކައުންސިލާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރ ކުރާފްޓްގައި އަކުރަމް ބ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްދީފައި ވަނީ މެޔަށް ތަދެއް އެރުމާ ގުޅިގެން "ސަވޭރާ" ދޯނިން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އެހީތެރިކަމަށް އެދުމާ ގުޅިގެން ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.