ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ ދަށުން ހިންގަމުންދާ މާންދޫ ފިޝަރީޒްއާމެދު ހިތްހަމަ ނުޖެހި، މަސްވެރިންގެ ކަންބޮޑުވުންތައް ފާޅުކޮށް މެދުރާއްޖެތެރޭގެ ކަނޑުމަހުގެ މަސްވެރިން އިއްޔެ ފެށި މުޒާހަރާ ހޫނުވެ ފުލުހުންނާއި މަސްވެރިންގެ މެދުގައި ހަމަނުޖެހުން އުފެދި، ތިން މީހަކަށް އަނިޔާވެއްޖެއެވެ.
ލ. މާންދޫ ބަނދަރުގައި ފެށި މި މުޒާހަރާ ނުހުއްޓި، މިއަދު ހިނގި ހަމަނުޖެހުމުގައި އަނިޔާވެފައި ވަނީ ދެ މަސްވެރިއަކަށާއި ފުލުހަކަށެވެ.
މުޒާހަރާގައި ބައިވެރިވި މަސްވެރިއެއް ކަމަށްވާ އާދަމް ފާރިޝް މި ނޫހަށް ބުނީ، ފުލުހުން ޕެޕަސްޕްރޭ ޖެހުމުން، ދެ މަސްވެރިއަކަށް އަނިޔާވި ކަމަށާއި، އެކަމާ ހިތްހަމަ ނުޖެހި، މަސްވެރިން ވެއްޔާއި ގަލާ އުކީ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ފުލުހަކަށް އަނިޔާ ލިބުނީ ކަމަށެވެ.
ފާރިޝް ބުނީ، މުޒާހަރާ ހޫނުވީ ފުލުހުން އެތަނަށް ދިއުމުން ކަމަށެވެ.
މަސްވެރިންގެ މުޒާހަރާ މިއަދު މާ "ހޫނު"، ޑިމާންޑަކީ ލިބެންޖެހޭ 21 މިލިއަން ރުފިޔާ
"ފުލުހުން، އަހަރެމެންނަށް އޮފީސް ކައިރިއަށް ނުދެވޭގޮތަށް ޓޭޕު ދެމީ. ޓޭޕު ދެމީމަ ފުލުހުންގެ ބަހަށް ތަބާވެގެން ޓޭޕުގެ އެއްފަޅީގަ ތިބެފަ އަހަރެމެން ބުނީ، މާންދޫ މެނޭޖްމެންޓާ ހަވާލުވެގެން ހުރި ޝަހީމު އެތަނަށް ގެންނާށޭ. ޝަހީމު އެތަނަށް ނުގެނައިމަ އަސްލު ހޫނުވެގެން، ޓޭޕު ކަނޑާލާފާ ދިޔަގޮތަށް ގޮސް އޮފީސް ދޮރުމަތީ ވާހަކަ ދައްކަން ހުއްޓާ، ފުލުހަކު، ބާރުގެ ބޭނުން ކުރަނީއޭ ކިޔާފަ، އެހެން ނުބުނެވެނީސް އަސްލު ޖެހީ [ސްޕްރޭ]. އެހެން ބުނިއިރު އޮތީ ޖަހާފަ،" ފާރިޝް ބުންޏެވެ.
ޕޭޕަ ސްޕްރޭ ޖެހުމުގެ ސަބަބުން މަސްވެރިންނަށް އަނިޔާވެ، އެކެއްގެ ލޮލަށް ޕެޕަސްޕްރޭ ޖެހި، އަނެކެއްގެ އަނގަޔަށްވެސް ސްޕްރޭ ޖެހިފައިވާކަމަށް ފާރިޝް ބުންޏެވެ.
އެކަމާ ހިތްހަމަ ނުޖެހި، މަސްވެރިން، ފުލުހުންނާ ދިމާއަށް ވެއްޔާއި ގަލާ އުކުމުގެ ތެރޭގައި ފުލުހެއްގެ ބޯ ފެޅުނު ކަމަށް ފާރިޝް ބުންޏެވެ.