ކަންނެލީގެ ބާވަތްތަކާއި، ބިލް ފިޝްގެ ބާވަތްތަކުގެ އާބާދީއަށް ކުރިއެރުން ލިބުނު ނަމަވެސް މިޔަރުގެ ބައެއް ބާވަތްތަކުގެ އާބާދީ ދަނީ ދަށަށް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ދިރާސާކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި، އޮޝަނިކް ވައިޓްޓިޕް ޝާކު، ޕޯބިއަގަލްސް ފަދަ މިޔަރުތައް ދާ ޖަހައިގެން ކުރާ މަސްވެރިކަމުގައި އޮޅިގެން ހިފެއެވެ. އަދި މި ބާވަތްތަކުގެ މިޔަރުތައް މެނޭޖުކުރުމަށް އެދެވޭ މަސައްކަތްތަކެއް ކުރެވެމުން ނުދާނީ ދުނިޔެއިން ނެތިދާނެ ކަމުގެ ބިރު ދަނީ ބޮޑުވަމުންނެވެ.
އެހެންނަމަވެސް ކަންނެލީގެ ބައެއް ބާވަތްތަކާއި، ބިލްފިޝްގެ ބާވަތްތައް ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ދަނީ ފެންނަމުންކަމަށް ސައިންސްވެރިން ހާމަކުރެއެވެ.
މި ދިރާސާގައި ބަލާފައިވަނީ މާ ކަނޑުގައި އުޅޭ ސައިޒުން ބޮޑެތި މަސްތަކަށެވެ. ދިރާސާ ބައިވެރިވި ސައިންސްވެރިން ފާހަގަކުރާގޮތުގައި މިފަދަ ދިރާސާއެއް މިހާރަށްވުރެ ފުޅާކޮށް ކުރަންޖެހެއެވެ. އަދި މިޔަރުގެ އާބާދީ ދަަށަށް ދާ ސަަބަބުތައް ބޮޑަށް ދެނެގަނެވި، މިކަމާ މެދު އަޅާނެ ހަރުދަނާ ފިޔަވަޅުތަކެއް އެކުލަވާލަންޖެހެއެވެ.
އަދި މިފަދަ ކަމެއް ކާމިޔާބު ކުރުމުގައި މަސްވެރިންނާއި އާއްމުންގެ ހޭލުންތެރިކަން މުހިންމުކަމަށްވެސް ސައިންސްވެރިން ދެކެއެވެ.