ހޮރައިޒަން ފިޝަރީޒްއިން މަސްވެރިންނަށް ދޭންޖެހޭ 21 މިލިއަން ރުފިޔާ ދިނުމަށް ކަމާބެހޭ އިދާރާތަކުން މަސައްކަތްކޮށް، އެ މައްސަލަ ހައްލުކޮށްދިނުމަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މާންދޫ ފިޝަރީޒްއާމެދު މަސްވެރިން ހިތްހަމަ ނުޖެހި، ލ. އަތޮޅާއި ތ. އަތޮޅުގެ މަސްވެރިން، ހިނިހިރު ދުވަހުން ފެށިގެން މުޒާހަރާ ކުރަމުންދާއިރު. އެކަމާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމެވެ.
ފައިސާކޮޅު ހޯދަން، މަސްވެރިން މުޒާހަރާކޮށް އާދޭސްކުރާއިރު ފިޝަރީޒް މިިނިސްޓްރީ ހަނު!
ވިސާމް ހުށަހެޅުއްވި އެ ކުއްލި މައްސަލައިގައި ވަނީ މާންދޫ އަކީ ލ. އަތޮޅާއި ތ. އަތޮޅުގެ މަސްވެރިންނަށް ވަރަށް މުހިންމު ތަނަކަށް ވާއިރު، މިހާތަނަށް ވެސް އެކަމަށް އެއްވެސް ވަރެއްގެ ހައްލެއް ހޯދަން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. އަދި ބާނާ މަސް ނުކިރުމުގެ މައްސަލައާއި މަހަށް ފައިސާ ދޫނުކުރުމުގެ މައްސަލަ ޖެހި މަސްވެރިން ތިބީ ގޮތް ހުސްވެފައި ކަމަށެވެ.
މިވަގުތު ވެސް މާންދޫގައި 26 ދޯނިން އިހުތިޖާޖު ކުރަމުންދާއިރު، ހޮރައިޒަންއިން މަސްވެރިންނަށް ދޭން ޖެހޭ ޖުމްލަ ފައިސާގެ އަދަދު 21 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އަދި އެއީ އެކަމުގެ ސަބަބުން އެ ސަރަހައްދުގައި މަސްވެރިކަން ހުއްޓިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ މަސްވެރިންނަށް ލިބެން ޖެހޭ ހައްގުތަކަށް އަރައިގަނެ އެ މީހުންނަށް ލިބެން ޖެހޭ އާމްދަނީ ހިފެހެއްޓުން ކަމުގައި ދެކެވެ." ވިސާމް ހުށަހެޅުއްވި ކުއްލި މައްސަލައިގައިވެ އެވެ.
މަސްވެރިންނަށް ފައިސާ ނުލިބުމުގެ ސަބަބުން ލ. އަތޮޅާއި އެ ސަރަހައްދުގެ އެހެނިހެން މަސްވެރި އާއިލާތަކަށް ވެސް ނުތަނަވަސްކަމާ ކުރިމަތިލާންޖެހިފައިވާ ކަމަށް ވެސް ވިސާމް ވިދާޅުވި އެވެ.
އޭނާ ސަރުކާރުގެ އިދާރާތަކަށް ގޮވާލާފައި ވަނީ މަސްވެރިންގެ ހައްގުތައް ހިމާޔަތްކޮށް މަސްވެރިންނަށް ލިބެން ޖެހޭ ހޯދައިދިނުމަށް ސަރުކާރުގެ އިދާރާތަކުން ކުރަން އެކަށީގެންވާ މަސައްކަތްތަކެއް ކޮށް މި މައްސަލަ ވީހާ ވެސް އަވަހަށް ހައްލުކޮށްދިނުމަށެވެ.