ލ. މާންދޫއިން ފައިސާލިބެންދިން މަސްވެރިން އެރަށުގައި ތިބުމުން، ހިތަދޫ އަންހެނުން، މަސްވެރިންނަށް ކެއުން ގެންގޮސްދީފިއެވެ.
މާންދޫ ފިޝަރީޒްއަށް މަސް ކިރުމަށްފަހު، ފައިސާ ނުލިބި ގިނަދުވަސްތަކެއްވެ، މަސްވެރިން މުޒާހަރާ ކުރާތާ ދެ ދުވަސްވީފަހުން، މުޒާހަރާގައި ބައިވެރިވި މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދީ ޚަލާސް ކުރުމަށް މާންދޫއިން ވަނީ އެއްބަސްވެފައެވެ. އެޔާއެކު މަސްވެރިންވަނީ މުޒާހަރާ ހުއްޓާލާފައެވެ. ނަމަވެސް މަސްވެރިން ބުނަމުންދަނީ، މާންދޫއިން ފުރާނީ ފައިސާ ލިބުމުން ކަމަށެވެ. އެހެންކަމުން ލ. ހިތަދޫ އަންހެނުން ވަނީ އިހުތިޖާޖުގެ ބައިވެރިންނަށް މެންދުރުގެ ކެއުން ގެންގޮސްދީފައެވެ.
މަސްވެރިންގެ މުޒާހަރާ: މަސްވެރިންގެ އަނބިދަރިންވެސް މުޒާހަރާގައި ބައިވެރިވާން ފަށައިފި
މުޒާހަރާގައި ބައިވެރިވި މަސްވެރިއެއްކަމަށްވާ އާދަމް ފާރިޝް މި ނޫހަސް ބުނީ، މާންދޫ ފިޝަރީޒްގެ ފަރާތުން، ގާސިމް އިބްރާހިމްގެ ދެ ދަރިކަލުން، އިބްރާހިމް ސިޔާދު ގާސިމްއާއި މުހައްނަދު ގާސިމް ރޭ މަސްވެރިންނާ ބައްދަލުކޮށް، މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
ސިޔާދު އެދިވަޑައިގަތީ، މާންދޫ އޮޕަރޭޝަނަށް ގެނައުމުގެ ފުރުސަތު ދިނުމަށް ކަމަށާއި، ނަމަވެސް ފައިސާ ނުލިބެނީސް މަސްވެރިން ނުފުރާނެ ކަމަށް ބުނުމުން، މިއަދު ފައިސާ ދައްކާ ޚަލާސް ކުރާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ފާރިޝް ބުންޏެވެ.
ފައިސާ ލިބޭނެ ކަމުގެ އަލިމަގެއް ފެނުމުން، މަސްވެރިން މިވަގުތު ތިިބީ މުޒާހަރާ މަޑުޖައްސާލައިގެންނެވެ. ނަމަވެސް މާންދޫ ދޫކޮށް ދާނީ ފައިސާ ލިބުމުން ކަމަށް މަސްވެރިން ބުނެއެވެ.