މަސްވެރިންގެ ފައިސާ، ކެޔޮޅުންގެ އެކައުންޓްތަކަށް ޖަމާކުރަން ފެށިި ނަމަވެސް މާންދޫން ފުރާނީ އެއްކޮށް ޖަމާވުމުން ކަމަށް މުޒާހަރާގައި ބައިވެރިވި މަސްވެރިން ނިންމައިފިއެވެ.
ހޮރައިޒަން ފިޝަރީޒްއިން މަސްވެރިންނަށް ދޭންޖެހޭ 21 މިލިއަން ރުފިޔާ ވާކަމަށް ބުނެ، ހޮނިހިރު ދުވަހު ހެނދުނު މަސްވެރިން ކުރަންފެށި މުޒާހަރާ ހުއްޓާލީ، އެ ފައިސާ މިއަދު ލިބޭނެ ކަމަށް އެ ކުންފުނިން ބުނުމުންނެވެ. މާންދޫ ފިޝަރީޒްގެ ފަރާތުން، ގާސިމް އިބްރާހިމްގެ ދެ ދަރިކަލުން، އިބްރާހިމް ސިޔާދު ގާސިމްއާއި މުހައްމަދު ގާސިމް ވަނީ ރޭ މަސްވެރިންނާ ބައްދަލުކޮށް، ފައިސާ ހަމަޖައްސައިދޭނެ ކަަމަށް ވިދާޅުވެފައެވެ.
ނަމަވެސް އޭރުވެސް މަސްވެރިން ބުނަމުން ދިޔައީ، ލ. މާންދޫން ފުރާނީ ފައިސާ ލިބުމުން ކަމަށެވެ.
ސިޔާދު ގާސިމް މަސްވެރިންނާ ބައްދަލުކޮށް، މަސްވެރިންގެ ފައިސާދީ ޚަލާސްކުރާނެ ކަމަށް ބުނެފި
މުޒާހަރާގައި ބައިވެރިވި، ލ. ގަމު 'އެކުވެރި މަސްވެރިން' ޖަމިއްޔާގެ ރައީސް ހުސައިން ހަނީފް މި ނޫހަށް ބުނީ، ދޯނިފަހަރަށް ފައިސާ ޓްރާންސްފަރ ކުރަމުންދާ ކަމަށާއި، ހަނީފް މަސައްކަތްކުރާ "ވަރަބާރަ" ދޯންޏަށްވެސް ތިން ބިލުގެ ރުފިޔާ ޖަމާވެފައިވާކަމަށެވެ. ނަމަވެސް ޖަމާވި އަދަދެއް ހާމައެއް ނުކުރެއެވެ.
ހަނީފް ބުނީ، މިރޭގެ ވަގުތެއްގައި ހުރިހާ ދޯނިތަކަށް ފައިސާ ޖަމާކޮށް ނިންމާނެކަމަށް މައުލޫމާތު ދީފައިވާ ކަމަށެވެ. ފައިސާ ޖަމާކޮށް ނުނިމޭތީ މުޒާހަރާގެ ބައިވެރިން އަދިވެސް ތިބީ މާންދޫގައެވެ.
"ދޯނިތައް އަދި ނުފުރާ. ދޯނިތައް ފުރާނީ ހަމަ އެންމެ ބައި ރުފިޔާއެއް އިނަސް އެ ހިފައިގެން،" ހަނީފް ބުންޏެވެ.