ފޮޓޯ: މާންދޫއާމެދު ހިތްހަމަ ނުޖެހި، މަސްވެރިން ކުރަމުންދާ މުޒާހަރާ-- ފޮޓޯ/ މާފަތް4
ފޮޓޯ: މާންދޫއާމެދު ހިތްހަމަ ނުޖެހި، މަސްވެރިން ކުރަމުންދާ މުޒާހަރާ-- ފޮޓޯ/ މާފަތް4

ލިބެންޖެހޭ ފައިސާ ޖަމާވުމުން، މުޒާހަރާއަށް ދިޔަ ދޯނިފަހަރު މާންދޫއިން ފުރައިފި

މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ލިބުމުން، މުޒާހަރާއަށް ދިޔަ ދޯނިފަހަރު ލ. މާންދޫއިން ފުރައިފިއެވެ.

ހޮރައިޒަން ފިޝަރީޒްއިން މަސްވެރިންނަށް ދޭންޖެހޭ 21 މިލިއަން ރުފިޔާ ވާކަމަށް ބުނެ، ލ. އަތޮޅާއޮ ތ. އަތޮޅުގެ މަސްވެރިން ހޮނިހިރު ދުވަހު ހެނދުނު ކުރަންފެށި މުޒާހަރާ ހުއްޓާލީ، އެ ފައިސާ އިއްޔެ ލިބޭނެ ކަމަށް އެ ކުންފުނިން ބުނުމުންނެވެ.

މާންދޫ ފިޝަރީޒްގެ ފަރާތުން، ގާސިމް އިބްރާހިމްގެ ދެ ދަރިކަލުން، އިބްރާހިމް ސިޔާދު ގާސިމްއާއި މުހައްމަދު ގާސިމް ވަނީ މަސްވެރިންނާ ބައްދަލުކޮށް، ފައިސާ ހަމަޖައްސައިދޭނެ ކަަމަށް ވިދާޅުވެފައެވެ.

ނަމަވެސް އޭރުވެސް މަސްވެރިން ބުނަމުން ދިޔައީ، މާންދޫން ފުރާނީ ފައިސާ ލިބުމުން ކަމަށެވެ.

މަސްވެރިންގެ ފައިސާ، ކެޔޮޅުންގެ އެކައުންޓްތަކަށް ޖަމާކުރަން ފަށައިފި، "މާންދޫން ފުރާނީ އެއްކޮށް ޖަމާވުމުން": މަސްވެރިން

 

މުޒާހަރާގައި ބައިވެރިވި، ލ. ގަމު 'އެކުވެރި މަސްވެރިން' ޖަމިއްޔާގެ ރައީސް ހުސައިން ހަނީފް މި ނޫހަށް ބުނީ، މިއަދު ބޭންކް އެކައުންޓްތައް ޗެކް ކުރިއިރު، ހުރިހާ ދޯނިފަހަރަށް ވެސް ވަނީ ފައިސާ ޖަމާވެފައި ކަމަށެވެ.

އެހެންކަމުން، މާންދޫގެ އޮޕަރޭޝަން ކުރިއަށް ގެންގޮސް، މަސައްކަތް ކުރުމުގެ މާހައުލު ފަހިކުރުމަށްފަހު މާންދޫ ދޫކޮށް ފުރީ ކަމަށް ހަނީފް މައުލޫމާތު ދިނެވެ. ލ. އަތޮޅުގެ ހުރިހާ ދޯނިފަހަރަށް ވެސް މިހާރު ރަށަށް ދެވިފައިވާ ކަމަށާއި، ތ. އަތޮޅުގެ މަސްދޯނިފަހަރު ރަށަށް ދިއުމަށް ދަތުރު ކުރަމުންދާ ކަމަށް ހަނީފް ބުންޏެވެ.


"މިހާރު އެއްވެސް ދޯންޏެއް ނޯންނާނެ. އަޅުގަނޑުމެން އެތާ ތިއްބަ އެމީހުން އޮޕަރޭޝަން ފަށައިފި. މަސް ބަންދުކުރުމަށް މަސް ނެރުމާ،ކޯލްޑް ސްޓޯރު ހުޅުވައިގެން މަސައްކަތް ފަށައިފި،" ހަނީފް ބުންޏެވެ.

ހަނީފް ބުނި ގޮތުގައި، މުޒާހަރާ ކުރި ދޯނިތަކަށް، ޖުމްލަ 8.7 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. 29 ދޯންޏަކުން 300އެއްހާ މަސްވެރިން ވަނީ މުޒާހަރާގައި ބައިވެރިިވެފައެވެ.

ހަނީފް ބުނީ، މިއަދު ފައިސާ ދޫކުރީ މުޒާހަރާގައި ބައިވެރިވި ދޯނިތަކަށް ކަމަށާއި، ނަމަވެސް ހަފްތާއެއްގެ ތެރޭގައި އެހެން ދޯނިތަކަށްވެސް ފައިސާ ދޭނެކަމަށް ބުނެފައިވާ ކަމަށެވެ.

"މިކަމުގަ އެހީތެރިވި ފަރާތްތައް ފާހަގަކޮށްލަން. ގަމު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ވިޝާމު ވަރަށް އެހީތެރިވެދިން، ސަރުކާރުގެ ތެރެއިން މިކަން ކޮށްދޭން. ދެން އަދި ހާއްސަކޮށް އަތޮޅު ކައުންސިލްގެ ރައީސްއާ ގަމު ކައުންސިލަރު އަބްދުﷲ އާސިފްވެސް މިކަމުގަ ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދިން. އަދި ހިތަދޫ ކައުންސިލްގެ ރައީސް، މާމެންދޫ ކައުންސިލްގެ ރައީސް މީ އަޅުގަނޑުމެންނަށް ވަރަށް އެހީތެރިކަން ފޯރުކޮށްދިން އަދި އަޅުގަނޑުމެންނާއެކު މުޒާހަރާގައި ބައިވެރިވެ، ހިތަދޫ އަދި މާމެންދޫ ކައުންސިލްގެ ރައީސް އަދި ގަމު މެމްބަރު އާސިފް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދިން،" ޝުކުރުގެ ލިސްޓާއެކު ހަނީފް ބުންޏެވެ.

އޭނާ ބުނީ، މަސްވެރިންގެ އިހުސާސްތައް ދަނެގެން، މާންދޫގެ ވެރިން ކަމުގައިވާ ގާސިމްގެ ދެ ބޭފުޅުން ވަޑައިގެން، މަޝްވަރާ ކުރައްވައި، ވަރަށް އަމާން އޮމާންކޮށް ކަންކަން ކުރިއަށް ގެންގޮސްދީފައިވާ ކަމަށެވެ. އަދި ފުލުހުންނާއި، މާންދޫ މެނޭޖްމަންޓުން، ޝަހީމް ދެއްވި އެއްބާރުލުން ވަރަށް ބޮޑަށް ފާހަގަކޮށް ޝުކުރުވެރިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!