މަސްވެރިކަމާއި ގުޅޭ

އަކްރަމް އަލަށް މަސްވެރިކަމުގެ ސިނާއަތަށް ނުކުތުން ފާހަގަ ކުރުން --
އަކްރަމް އަލަށް މަސްވެރިކަމުގެ ސިނާއަތަށް ނުކުތުން ފާހަގަ ކުރުން --

ހުރިހާ ރައްޓެހިން މަހަށް ދާތީ، ރިސޯޓު ދާއިރާ ދޫކޮށް އަކްރަމްވެސް މަހަށް!

މީގެ ގަޑިއިރެއްހާއިރު ކުރިން، "މާފަތް4" ދޯނިން ފޭސްބުކްގައި ހިއްސާކުރީ، މަސްވެރިކަމުގެ ސިނާއަތަށް އަލަށް ނިކުތް ޒުވާން މަސްވެރިއެއްގެ ކަރުގައި މަސްފައްއްޗެއް އަޅުވާ ވީޑިއޯއެކެވެ. ޒުވާނާ މަސްވެރިކަމުގެ ސިނާއަތަށް ނުކުތުން ފާހަގަކޮށް މަސްފަތި އެޅުވިއިރު، އޭނާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. އަދި އެ ޒުވާނާއަށް މަރުހަބާ ކިޔައި، ދޯނީގެ އެހެން މަސްވެރިން އުފާ ފާޅުކުރާ އަޑު އިވެއެވެ.

ވޭތުވެދިޔަ އަށް އަހަރު ފަތުރުވެރިކަމުގެ ދާއިރާގައި އުޅުނު މި ޒުވާނާ ބުނީ، އޭނާ މަސްވެރިކަމަށް ނުކުތީ 'ހުރިހާ ރައްޓެހިންވެސް މިކަމުގެ ތެރޭގަ އުޅޭތީ' ކަމަށެވެ.

ތ. ގުރައިދޫ، ފުސްވިލާ، މުހައްމަދު އަކްރަމް އަލަށް މަސްވެރިކަމަށް މި ނުކުތީ 29 އަހަރުގައެވެ. 27 މީހުން މަސައްކަތްކުރާ 'މާފަތް 4' ދޯންޏަށް އަރައި، ކަނޑުމަހުގެ މަސްވެރިކަން ކުރަން ފެށީ، މިކަމަށް ހުންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުންނާއި، ގާތް ރަހުމަތްތެރިން މަސްވެރިކަމުގައި އުޅޭތީއެވެ.

ކުރިން ސްޕޯޓްސް ފިޝިންގައި ހަރަކާތްތެރިވި ނަމަވެސް، ކަނޑުމަހުގެ މަސްވެރިކަމަކީ ވަރަށް ތަފާތު މަސައްކަތެއް ކަމަށްވީތީ، ދޯންޏަށް އެރުމާއެކު އޭނާއަށް ކުރިމަތިވީ ހުސް އާ ކަންކަމެވެ.

"އަދި [ދޯންޏަށް] އެރި ފަހުން ހުސް އާ ކަންތައްތަކާ މި ދިމާވަނީ. މިސާލަކަށް ދާލުން، އެން ހިފުން، ބޮޔަށްގޮސް މަސް ބޭނުން، މީ ހުސް އަލަށް ކުރާ ކަންތައް،" ފުރަތަމަ ކަނޑުމަސްވެރިކަމުގެ ދަތުރުގައި، ދޯނީގައި ހުރެ ފޯނުން ވާހަކަ ދައްކަމުން އަކުރަމް ބުންޏެވެ.

އަކުރަމްގެ ބައްޕައަކީވެސް މަސްވެރިއެކެވެ. ނަމަވެސް ބައްޕަ މިހާރު 'ރިޓަޔަރ' ވުމުން، މަހަށް ނުދާކަމަށް އޭނާ ބުންޏެވެ.

'މާފަތް4' ދޯނީގެ މަސްވެރިންގެ ފަރާތުން، މަސްވެރިކަމުގައި ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބެމުންދާކަން ފާހަގަކޮށް އަކުރަމް ބުނީ، އެކަމާ ދޭތެރޭ ބުނާނެ ވަކި އިތުރު އެއްޗެއް ނެތް ކަމަށެވެ.

އަލަށް މަސްވެރިކަމުގެ ސިނާއަތަށް ނުކުންނަން ބޭނުންވާ ޒުވާނުންނަށް އަކުރަމްގެ ނަސޭހަތަކީ، ފަސްނުޖެހި މަސްވެރިކަމަށް ނުކުތުމެވެ. އެއްފަހަރު ނަމަވެސް މި ސިނާއަތް ތަޖުރިބާ ކޮށްލުމެވެ.

"މިކަން ކުރަން ނުކުންނާށޭ. މީ ސަޅި ކަމެކޭ. ފުރަތަމަ ނުފެށުނަސް، އެކްސްޕީރިއަންސް ކޮށްލަންވެސް ސަޅި ކަމެކޭމީ،" އަކުރަމް ބުންޏެވެ.

އަކުރަމްގެ އުންމީދަކީ، މަސްވެރިކަމުގައި ދެމިހުރުމެވެ. ބައްޕަގެ ފިޔަވަޅުމަތިިންގޮސް 'ރިޓަޔަ' ވުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!