މިއަހަރުގެ ފުރަތަމަ 10 މަސް ދުވަސްތެރޭ ވިއެޓްނާމުން ރެކޯޑު އަދަދަކަށް ކަންނެލި އެކްސްޕޯޓުކޮށްފިއެވެ. ވިއެޓްނާމް އެސޯސިއޭޝަން އޮފް ސީފުޑު އެކްސްޕޯޓަރސް އެންޑު ޕްރޮޑިއުސަރސްގެ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 10 މަސް ދުވަސްތެރޭ އެޤައުމުން ވަނީ 890 މިލިއަން ޑޮލަރުގެ ކަންނެލި އެކްސްޕޯޓުކޮށްފައެވެ.
ވިއެޓްނާމުން އެންމެ ގިނަ އަދަދަކަށް މަސް އެކްސްޕޯޓުކުރަނީ ޔޫރަޕްގެ ޤައުމުތަކަށެވެ. އަދި މިހާރު ޔޫރަޕްގެ ޤައުމުތަކުގައި ތަކެތީގެ އަގުތައް އުފުލިފައި ވާއިރު، ކަނޑުމަސް ކާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އަދި މިއާއެކު ވިއެޓްނާމުން ޔޫރަޕްގެ ޤައުމުތަކަށް އެތެރެކުރާ މަހަށް އޮންނަ ޑިމާންޑު ބޮޑުވެފައިވާ ކަމަށް ވިއެޓްނާމް އެސޯސިއޭޝަން އޮފް ސީފުޑު އެކްސްޕޯޓަރސް އެންޑު ޕްރޮޑިއުސަރސްއިން ބުނެއެވެ.
އަދި މިހާރު ޑިމާންޑު ހުރިގޮތަށް ބަލާއިރު އަހަރުގެ ބާކީ އޮތް ދުވަސްތަކުގައިވެސް ޑިމާންޑު އިތުރަށް އުފުލިގެންދާނެ ކަމަށްވަނީ ލަފާކޮށްފައެވެ. ޔޫރަޕްގެ އިތުރުން، މެދުއިރުމަތީގެ ޤައުމުތަކާއި ޖަޕާން މާކެޓަށްވެސް އެތެރެކުރާ ވިއެޓުނާމުގެ މަހަށް އޮންނަ ޑިމާންޑުވަނީ ބޮޑުވެފައެވެ.
ކަނޑުމަހުގެ އިތުރުން، ބޯވަ ދިހަ މަހާއި، ބޯވަވެސް ވިއެޓްނާމުން ބޭރުކުރާ މިންވަރުވަނީ އިތުރުވެފައެވެ. އެގޮތުން މި ދެ ބާވަތް އެކްސްޕޯޓުކޮށްފައިވާ މިންވަރު 625 މިލިއަން ޑޮލަރަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު، %32 އިތުރު އަދަދެކެވެ.