މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ލިބުމުގައި ހުރި ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން އަދި ޖުމްލަ ގޮތެއްގައި އައިސް ހޯދުމަށް މަސްވެރި އުޅަނދުފަހަރުން ކުރާ ހޭދަ ކުޑަކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން މަސް ދޯނިފަހަރުގައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ޤާއިމުކުރުމަށް، ކަނޑުފަޅު ނަފާ ލޯނު ޕްރޮގްރާމަށް ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ.
ކަނޑުފަޅު ނަފާ ލޯނު ޕްރޮގްރާމުގެ މިފިޔަވަހީގައި މަދުވެގެން 68 ދޯނީގައި ލޮނު ފެން ފިނިކުރާ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ ލޯނު (ޖުމްލަ 34 މިލިއަން ރުފިޔާއާއި ހަމައަށް) ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) އާއި ގުޅިގެން ކުރިއަށް ގެންދާ މިލޯނު ޕްރޮގްރާމުގައި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ލޯނަށް އެދި ހުށަހަޅާ ތަރުތީބުން އެޕްލިކޭޝަން ވަޒަންކުރުމަށްފަހުކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.
މި ޕްރޮގްރާމްގެ ދަށުން ލޯނުގެ ގޮތުގައި ދޫކުރާނެ އެންމެ ގިނަ އަދަދަކީ، 500000 ރުފިޔާއެވެ. މި ފައިސާގެ ބޭނުންކުރެވޭނީ އާރް.އެސް.ޑަބްލިއު ސިސްޓަމް ގަނެ، އިންސްޓޯލްކުރުމަށެވެ. ލޯނުގެ އިންޓްރެސްޓް ރޭޓަކީ %6 އެވެ. ލޯނު އަދާކުރުމަށް 6 އަހަރުގެ މުއްދަތެއް ދިނުމަށް ހަމަޖެހިފައިވާއިރު، ގްރޭސް ޕީރިއެޑެއްގެ ގޮތުގައި 6 މަސް ދުވަސްލިބެއެވެ. މި ލޯނަށް އެދޭ ފަރާތްތަކުން ރަހުނުގެ ގޮތުގައި އެއްވެސް އެއްޗެއް ބަހައްޓާކަށް ނުޖެހެއެވެ.
މިލޯނަށް އެދި ހުށަހަޅާނީ އެސް.ޑީ.އެފް.ސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް 28 ނޮވެމްބަރު 2022 ވަނަ ދުވަހުން ފެށިގެންނެވެ. ލޯނު ޕްރޮގްރާމާ ގުޅޭ އިތުރު ތަފްޞީލު ހިމެނޭ ލޯނުގެ އުޞޫލު މިމިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.