ނ. ވެލިދޫގައި ލޮނުމަސްއެޅުމާއި މަސްކައްކާ ހިއްކުމުގެ މަސައްކަތްކުރެވޭނީ ކައުންސިލުން އެކަމަށް ހާއްސަ ހުއްދައެއް ނަގައިކަމަށް ކަނޑައަޅައިފިއެވެ.
ވެލިދޫ ކައުންސިލުން އާއްމުކޮށްފައިވާ ލޮނުމަސް އެޅުމާއި، މަސް ކައްކާ ހިއްކުމާއިބެހޭ އާއްމު އުސޫލުގައި ބުނެފައިވާގޮތުން އެ ރަށުގެ އިހްތިސޯސްގެތެރޭގައި ހިމެނޭ އެއްވެސްތަނެއްގައި ލޮނުމަސްއެޅުމާއި، މަސްކައްކާ ހިއްކުމުގެ މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުން އެމަސައްކަތްކުރަންވާނީ އެކަމުގެހުއްދައަށް އެދި ހުށަހަޅަންޖެހޭ ފޯމް ހުށަހެޅުމަށްފަހު ކައުންސިލްގެ އިދާރާއިން ހުއްދަލިބުމަށްފަހުގައިކަމަށެވެ.
މި އުސޫލަށް ޢަމަލްކުރަންފެށުމާއިއެކު ރަށުގެ އެކިސަރަޙައްދުގައި މީގެކުރިން ލޮނުމަސްއެޅުމާއި، މަސްކައްކާހިއްކުމުގެ މަސައްކަތްކުރަމުންދިޔަ ފަރާތްތަކުން އެކަންހުއްޓާލަންވާނެކަމަށްވެސް އުސޫލުގައިވެއެވެ. މި އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ ޖެނުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
ލޮނުމަސް އެޅުމުގައި އަމަލުކުރަންޖެހޭ ގޮތްވެސް މި އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ލޮނުމަސް އަޅަންވާނީ އެކަމަށް ތައްޔާރުކޮށްފައިވާ އެއްޗެއްްގައި ވަސްބޭރުނުވާގޮތަށް ރަނގަޅަށް ބަންދުކޮށްގެންނެވެ. މަސްސީރާކުރުމަށްފަހު ރަނގަޅަށް ދޮވެސާފްކުރުމައްފަހުގައިނޫނީ ހިއްކަން އަވީލައިގެންނުވާނެ ކަމަށާއި މިގޮތަށް އަވީލުމަށް އަށިއަޅަންވާނީ ކައުންސިލުންދައްކާސަރަޙައްދެއްގައެވެ. މޫސުމީގޮތުން ވައިޖެހޭދިމާލުގެގޮތުން ރަށުތެރެއަށް ވަސްއަންނަނަމަ މަސްއަވީލާފައި ބަހައްޓައިގެން ނުވާނެކަމަށް ކައުންސިލުން ހާމަކުރެއެވެ.
ރަށުތެރޭގައި މަސްކައްކަން ފެށުމުގެކުރިން މަސްކައްކާހިއްކުމަށް ކަނޑައަޅާބަދިގެ ދުންހޮޅިނޫންތަނަކުން ދުންބޭރުނުވާގޮތަށް ބައްދައި ދުންހޮޅި ތިރިވެގެން 20 ފޫޓަށް އުސްކުރަން ޖެހެއެވެ. މި އުސޫލްގެދަށުން މަސްކައްކައި ހިއްކާތަނެއްގެގޮތުގައި ބެލެވޭނީ ވިޔަފާރިއުސޫލުން ( މަސްކައްކައިގެން މަހާއި، ރިހާކުރުވިއްކުން ) އެމަސައްކަތްކުރާނަމައެވެ.
ވެލިދޫ ކައުންސިލުން ވިދާޅުވީ، މި އުސޫލާޚިލާފްވާ ފަރާތްތަކާމެދު ފުރަތަމަ ފަހަރު ލިއުމުން ނަސޭޙަތްދޭނެ ކަމަށެވެ. ދެވަނަފަހަރު ކުށްތަކުރާރުކޮށްފިނަމަ -/500 ( ފަސްސަތޭކަ ) ރުފިޔާއާއި -/1000 ( އެއްހާސް ) ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމާނާކުރެވެނެއެވެ. ތިންވަނަފަހަރު ކުށްތަކުރާރު ކޮށްފިނަމަ -/1000 ( އެއްހާސް ) ރުފިޔާއާއި -/3000 ( ތިންހާސް ) ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމާނާކުރާނެ ކަމަށާއި، ހަތަރުވަނަފަހަރު ކުށްތަކުރާރު ކޮށްފިނަމަ -/3000 ( ތިންހާސް ) ރުފިޔާއާއި -/5000 ( ފަސްހާސް ) ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމާނާކުރާނެ ކަމަށް ކައުންސިލުން ހާމަކުރެއެވެ.
އަދި ހަތަރުވަނަ ފަހަރަށްވުރެ އިތުރަށް ކުށްތަކުރާރުކުރާ ކޮށްމެފަހަރަކު -/5000 ( ފަސްހާސް ) ރުފިޔާއިން ޖޫރިމާނާ ކުރުމުގެ އިޚްތިޔާރު މި އުސޫލުގެދަށުން ކައުންސިލަށް ލިބިގެންވެއެވެ. މިގޮތަށް ޖޫރިމާނާވެގެން އެންގުމުން 3 ދުވަސްތެރޭގައި ކައުންސިލްގެ އިދާރާއަށް އެ ފައިސާދައްކަން ޖެހެއެވެ.