ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން -- ފޮޓޯ/މަޖިލިސް
ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން -- ފޮޓޯ/މަޖިލިސް

މި ސަރުކާރުން ކުރި އެންމެ މުހިންމު ކަމަކީ، މަސްވެރިކަން ހިންގާ ބަލަހައްޓާނެ ގާނޫނީ އޮނިގަނޑެއް ތައްޔާރުކުރުން: މިނިސްޓަރު

މި ސަރުކާރުން ކުރި އެންމެ މުހިންމު ކަމަކީ، މަސްވެރިކަން ހިންގާ ބަލަހައްޓާނެ ގާނޫނީ އޮނިގަނޑެއް ތައްޔާރުކުރުން ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސެން އެންޑް އެގްރިކަލްޗަރ، ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ސަރުކާރަށް ހަތަރު އަހަރު ފުރުމާ ގުޅިގެން، މަސްވެރިކަމުގެ ސިނާއަތަށް މި ސަރުކާރުން ގެނެސްދީފައިވާ ކުރިއެރުންތައް ހިއްސާކޮށް، ޕީއެސްއެމް ނިއުސްގެ "ސަރުކާރަށް ހަތަރު އަހަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، މީގެ ކުރިން މަސްވެރިކަން ހިންގާ ބަލަހައްޓާނެ ގާނޫނީ އޮނިގަނޑެއް ނެތް ކަމަށާއި އެހެން އެކަން އޮއްވާ، މި ސަރުކާރުން ކުރި އެންމެ މުހިންމު ކަމަކީ އެކަހަލަ އޮނިގަނޑެއް ތައާރަފް ކޮށްދިނުން ކަމަށެވެ.

"އޭގެ މައްޗަށް ބިނާކޮށް ރާއްޖޭގެ މަސްވެރިކަން ތަރައްގީ ކުރުމަށްޓަކާ ކުރަންޖެހޭ ކަންކަން އަދި މަސްވެރިކަމުގެ ދާއިރާ މެނޭޖް ކުރުމަށްޓަކާ ކުރަންޖެހޭ ކަންކަން ކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ހުޅުވިގެން މިހާރު މި ދިޔައީ،" މިނިސްޓަރ ވިދާޅުވިއެވެ.

ޒަމާނީ ފެންވަރުގައި މަސްވެރިކަން ތަރައްގީކޮށް، ޒަމާނާ އެކަށޭނަ މަސްވެރިކަމެއް ރާއްޖޭގައި އުފައްދާ، އެ މަސްވެރިކަން މެނޭޖްކުރުމަށްޓަކައި ބޭނުންވާ ގާނޫނީ ބާރު ލިބިގެންދިޔައީ އެ ގާނޫނުގެ ދަށުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، ސަރުކާރު ހިންގުމުގެ ބާރު ލިބުނުއިރު، މަސްވެރިކަމުގެ ސިނާއަތު އޮތީ ވަރަށްބޮޑަށް ބަންދު ކުރެވިފައި ކަމަށެވެ. އެ ސިނާއަތުގައި، މަސްވެރިކަން ކުރުމުގެ ޕްރައިމަރީ ސެކްޓަރ އޮތީ ހުޅުވާލެވިފައި ކަމަށާއި، އެހެންކަމުން އެކަން ކުރަން ބޭނުންވާ އާއްމުންނަށާއި އާއިލާތައް ދޯނި ބަނދެގެން މަސްވެރިކަން ކުރަމުން ދިޔަ ކަމަށެވެ.

އެއާ ހިލާފަށް ޕްރޯސަސިން ސެކްޓަރ އޮތީ ވަރަށް ހަނި ގޮތަކަށް ކަމަށާއި އެ ސެކްޓަރަށް ވަދެ، މަސް ގަތުމުގެ ފުރުސަތު އޮތީ ވަރަށް ބޮޑަށް ބަންދު ކުރެވިފައި ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

"މިހިން އޮއްވަ، މި ސަރުކާރުން ސިޔާސަތަށް ގެނައި ބަދަލުގެ ސަބަބުން މިހާރު މިއޮތީ މަސްވެރިކަމުގެ ތެރެއަށް ވަދެ، މަސް ގަނެ، ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމުގެ ފުރުސަތު، އާއްމުކޮށް ހުޅުވާލެވިފަ،" މިނިސްޓަރު ވިދާޅުވިއެވެ.

އެކި ބާވަތުގެ މަސްވެރިކަމަށް ވަކި މެނޭޖްމަންޓް ޕްލޭނެއް ހަދައި، މުރާޖަޢާކުރަން ޖެހޭ

ސިޔާސަތަށް ގެނައި އެ ބޮޑު ބަދަލުގެ ސަބަބުން ގިނަ ބަޔަކު އަލަށް މަސްވެރިކަމުގެ ސެކްޓަރ އަށް ވަދެ، އުދެއްދުންތައް އިތުރުވެ އެކްސްޕޯޓު މައްޗަށް ދާނެކަމަށް ސަރުކާރުން ގަބޫލުކުރި ކަމަށާއި، ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާއި، ރަޝިޔާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން އެކަން އެމަގުން ކުރިއަށް ނުދިޔައީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ދިމާވީ، ކޮވިޑްގެ ހިތާމަވެރި، ނުރައްކާތެރި ދެ އަަހަރު. އޭގެން އަޅުގަނޑުމެން ހަމަ ސަލާމަތް ނުވެވި ތިއްބާ އަޅުގަނޑުމެންނާ ބައްދަލުކުރީ، ރަޝިޔާއާ ޔޫކްރޭން ހަނގުރާމަ. އެހެންކަމުން އަޅުގަނޑުމެން ދުއް ގޮތުގަ، މި ދެންނެވި މަސްވެރިކަން ހުޅުވާލުމުގެ ސަބަބުން މަސްވެރިކަން ފުޅާ ވެގެން ދާނެ ކަމަށް އަންދާޒާ ކުރި ވަރަށް އަދި އެކަމެއް ނުއެއް ދޭ. އެކަމަކު އިރާދަކުރެއްވިއްޔާ، މީހުން ރާއްޖެއަށް އިންވެސްޓުކޮށް އަދި ރާއްޖޭގެ މީހުންނަށްވެސް މަސްވެރިކަމުގެ ތެރެއަށް ވަދެ، މަސް ޕްރޮސެސްކޮށް، އެކްސްޕޯޓުކޮށް، މަތީ އަގު ލިބޭ އުފެއްދުންތައް އުފައްދައި އެކްސްޕޯޓު ކުރުމުގެ ފުރުސަތު ލިބޭ ގޮތަށް މިހާރު މިއޮތީ މަސްވެރިކަމުގެ ދާއިރާގެ ގާނޫނީ އޮނިގަނޑު އަދި ސިޔާސަތު އެގޮތަށް ހަމަޖެހިފަ،" މިނިސްޓަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response