ފުވައްމުލައްސިޓީ ބޭރުގައި ހަރުކުރި 2 ވަނަ ކަނދުފަތި. ފޮޓޯ/: ފިޝަރީޒް މިނިސްޓްރީ
ފުވައްމުލައްސިޓީ ބޭރުގައި ހަރުކުރި 2 ވަނަ ކަނދުފަތި. ފޮޓޯ/: ފިޝަރީޒް މިނިސްޓްރީ

ހުރިހާ ކަނދުފައްޗެއް އަލުން ގާއިމު ކުރިކަމަށް މިނިސްޓްރީގެ ސައިޓުގައި އޮތަސް، ނަޑެއްލާ ކަނދުފަތި އޮތީ ކެނޑިފަ: މަސްވެރިން

ހުރިހާ ކަނދުފައްޗެއް އަލުން ގާއިމުކޮށް ނިމިފައި ވާކަމަށް މިނިސްޓްރީގެ ސައިޓުގައި އޮތް ނަމަވެސް، ގދ. ނަޑެއްލާ ކަނދުފަތި އޮތީ ކެނޑިފައި ކަމަށް އެ އަތޮޅުގެ މަސްވެރިން ބުނެފިއެވެ.

ފިޝަރީޒް މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިވަގުތު ރާއްޖޭގައި ގާއިމު ކުރެވިފައިވާ ހުރިހާ މަސްކަނދުފައްޗެއް ވަނީ ގާއިމުކޮށް ނިންމާލާފައެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި 59 މަސް ކަނދުފަތި ގާއިމު ކޮށްފައި ވެއެވެ.

ކަނދުފަތި ކަންބަރު 528 ގެ ގޮތުގައި، 53 ވަނައަށް ގާއިމު ކޮށްފައިވާ ނަޑެއްލާ ކަނދުފައްޗަކީ ނަޑެއްލާގެ ހުޅަނގުދެކުނުން 15 މޭލު ބޭރުގައި ގާއިމު ކޮށްފައިވާ ކަނދުފައްޗެކެވެ.

ކަނޑައިގެން ގޮސްފައިވާ ހުރިހާ މަސްކަނދުފައްޗެއް އަލުން ހަރުކޮށް ނިންމާލައިފި

މި ނޫހާ ވާހަކަ ދެއްކި މަސްވެރިން ބުނީ، އެ ކަނދުފަތި ކަނޑައިގެން ގޮސްފައިވާތާ ކިތަންމެ ދުވަހެއް ވޭތުވެފައިވާ ކަމަށެވެ.

"ލިސްޓުގަ އިނީ އޯގަސްޓް 30 ވަނަ ދުވަހު ކަނދުފަތި އެޅި ކަމަށް. އެފަހުން އެ ކަނދުފަތި ކަނޑައިގެން ގޮސްފަ ވަނީ،" މަސްވެރިއަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި، އެ ކަނދުފަތި ކަނޑައިގެން ގޮސްފައިވާތާ ފަސް ވަރަކަށް މަސް ވެއްޖެއެވެ.

މިކަމާ ގުޅިގެން ގދ. ގެ އެހެން މަސްވެރިއަކުވެސް، އެ ކަނދުފަތި ކަނޑައިގެން ގޮސްފައިވާ ކަމަށް މައުލޫމާތުދިނެވެ.

"ނޫން. އެ ކަނދުފަތި (އަލުން) ނާޅާ އޮތީ. މަސް ނާޅާތީއޭ ކިޔާފަ އެތަން ދޫކޮށްލާ ވާހަކަ ބުނީ. ދެން އެހެން ތަނެއްގަ އެމީހުން ފަހުން ބޮއެއެއް އަޅާ ވާހަކަ ދައްކާފަ އޮތީ. އޭތި ކެނޑުނު ފަހުން ބޮއެއެއް ނާޅާ،" މަސްވެރިޔާ ކިޔައިދިނެވެ.

މަސްވެރިޔާ ލަފާކޔރާ ގޮތުގައި، އެ ކަނދުފަތި ކަނޑައިގެން ގޮސްފައިވާތާ ހަތް ވަރަކަށް މަސް ވެދާނެއެވެ.

"އެ ބޮއެގަ ރަނގަޅަށް މަސް އަޅައިފިއްޔާ، ފުދޭވަރަކަށް ގިނަ ދުވަހު މަސް ބާނާ ބޮއެއެއް އެއީ،" މަސްވެރިޔާ ބުންޏެވެ.

މިކަމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް، ފޯނަށް ޖަވާބު ނުދެއްވާތީ މިނިސްޓްރީގެ ބަހެއް ނުލިބުނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!