މަސްވެރިކަމާއި ގުޅޭ

މިނިސްޓަރ ޑރ.ހުސެއިން ރަޝީދު ހަސަން/ ފޮޓޯ: ޕީއެސްއެމް ނިއުސް
މިނިސްޓަރ ޑރ.ހުސެއިން ރަޝީދު ހަސަން/ ފޮޓޯ: ޕީއެސްއެމް ނިއުސް

މަސްވެރިން އޮންލައިންގެ ޚަބަރުތައް އެންމެ ފުރަތަމަ ވިދާޅުވާ ބޭފުޅަކީ މިނިސްޓަރ ޑރ. ހުސައިން!

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ މަޤާމު އަދާކުރައްވަމުންދާ، ޑރ. ޙުސައިން ރަޝީދު ޙަސަން އެ މަގާމަށް ޢައްޔަން ކުރެވިފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ފަސް ވަނަ ދުވަހުއެވެ.
އޭގެ ކުރިން ޑރ. ހަސަން ހުންނެނީ އެންވަޔަރަންމަންޓް މިނިސްޓަރުގެ މަޤާމުގައެވެ.
ފިޝަރީޒް މިނިސްޓަރަކަށް ހުންނަވައި، ޑރ. ހުސައިން ކުރައްވާ ކަންތައްތަކުގެ ތެރެއިން، އެންމެ ފާހަގަ ކޮށްލެވުނު އެއްކަމަކީ، މަސްވެރިންގެ ވާހަކަތަކާއި ޝަކުވާތައްވެސް ހިމެނޭހެން ލިޔުންތައް ޝާއިއުކުރަމުންނާ މި ނޫސް 'މަސްވެރިން.އެމްވީ' ގެ ޚަބަރުތައް ބަރާބަރަށް ވިދާޅުވުމެވެ.
މިދިޔަ ބުދަ ދުވަހު މި ނޫހުން ގެނެސްދިން އެއް ޚަބަރަކީ، ގދ. ނަޑެއްލާ ބޭރުގައި އަޅާފައިވާ ކަނދުފަތި ކަނޑައިގެން ގޮސްފައިވާތާ މަސްތަކެއް ފާއިތު ވެފައި ވާއިރު، އެ ކަނދުފަތި އަލުން ގާއިމު ކޮށްފައި ނުވާ ވާހަކައެވެ. ނަމަވެސް ފިޝަރީޒް މިނިސްޓްރީގެ ސައިޓުން ދައްކާގޮތުގައި، ރާއްޖޭގެ ހުރިހާ މަސް ކަނދުފައްޗެއް ވަނީ އަލުން ގާއިމުކޮށް ނިންމާފައެވެ.
މި ޚަބަރުވެސް އެންމެ ފުރަތަމަ ވިދާޅުވި އެއް ބޭފުޅަކީ ފިޝަރީޒް މިނިސްޓަރު، ޑރ. ހުސައިންއެވެ. މިކަން އެންމެ ފުރަތަމަ ސަމާލުކަމަށް ގެނައީވެސް މިނިސްޓަރެވެ.
އެކަމާ ގުޅިގެން މިނިސްޓްރީން ބުނެފައި ވަނީ، ނަޑެއްލާ ކަނދުފަތި ކަނޑައިގެން ގޮސްފައިވާކަމުގެ ރިޕޯޓު، މިނިސްޓްރީއަށް ލިބިފައި ނުވާކަމަށެވެ. އަދި ކަނދުފައްޗެއް ކަނޑައިގެން ގޮސްފައިވާކަމަށް ނިންމަނީ، އެ ސަރަހެއްދެއްގެ ކައުންސިލުން، އެކަން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން ކަމަށެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމާއި ކަނޑުގެ މުއްސަނދިކަމާއި ދަނޑުވެރިކަން ތަރައްޤީކޮށް ދެމެހެއްޓެނެވި ގޮތުގައި މެނޭޖުކުރުމުގެ ޒިންމާ އުފުއްލަވަމުންދާ ޑރ. ހުސައިން، މަޖިލީހުގައްޔާއި އެހެނިހެން ޕޯޑިއަމް ތަކުގައި ދައްކަވާ ވާހަކަތައް، ޙަބަރުގެ ސިފައިގައި މި ނޫހުން ގެނެސްދޭއިރު، ކުށެއް ލިޔެވިފައި ވާނަމަ، ނުވަތަ މިނިސްޓަރ ވިދާޅުވި އެއްޗެއްގެ މާނަ އޮޅޭފަދައަކުން ލިޔެވިފައި ވާނަމަވެސް، އެކަން އެންމެ ފުރަތަމަ ފާހަގަ ކުރެއްވެނީ މިނިސްޓަރަށެވެ. އަދި އެކަން މި ނޫހުގެ ސަމާލުކަމަށްވެސް ގެންނަވައެވެ.
ކާށިދޫ ބޭރުގައި ކަނޑައިގެން ގޮސްފައިވާ ކަނދުފަތި ގާއިމު ކުރުމުގެ މަސައްކަތުގައި މިނިސްޓަރ ހަރަކާތްތެރި ވަނީ -- ފޮޓޯ/ ފިޝަރީޒް މިނސިްޓަރީ

މީގެ ކުރިން، ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގަޔާއި ރައީސް ޑރ. މުޙައްމަދު ވަޙީދުގެ ސަރުކާރުގައިވެސް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް ގައި، މިނިސްޓަރ އޮފް ސްޓޭޓް ގެ މަޤާމުގައި ޚިދުމަތް ކުރައްވަވާފައިވާ ޑރ. ހުސައިންގެ އެއިރުގެ މައްސޫލިއްޔަތަކީ، ދިވެހިރާއްޖޭގެ މަސްވެރިކަން މެނޭޖުކުރުމާއި ތަރައްޤީކުރުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުމެވެ.

ޑރ. ޙުސައިންގެ ޢާއްމު ޚިދުމަތުގެ ދައުރު ފެށުނީ 1986 ގައެވެ. ޑރ. ހުސައިން ވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ތަޢުލީމު ކުރިއަރުވާ މަރުކަޒު ގަޔާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގަޔާއި މިނިސްޓްރީ އޮފް ހިޔުމަން ރިސޯސަސް، އެމްޕްލޯއީމަންޓް އެންޑް ލޭބަރ ގައި ތަފާތު މަޤާމުތައް ފުރުއްވަވާފައެވެ.

ޑރ. ޙުސައިން، އަންޑަރގުރެޖުއޭޓް ތަޢުލީމު ޙާސިލް ކުރެއްވީ، މަސްވެރިކަމުގެ ސައިންސްއާއި މެނޭޖުމަންޓްގެ ރޮނގުން، އޮސްޓްރޭލިއަން މެރިޓައިމް ކޮލެޖުންނެވެ. ފިޝަރީޒް އިކޮނޮމިކްސް ގެ ދާއިރާއިން މާސްޓަރސް ޙާސިލް ކުރެއްވީ، އަދި މާރުކޭޓުގައި މުހިއްމު ޓޫނާގެ (ކަނޑުމަހުގެ) ބާވަތްތައް ދުނިޔޭގައި އުފެއްދުމާއި އޭގެ ބައިނަލްއަޤުވާމީ ވިޔަފާރި އާއި ބެހޭގޮތުން ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) ޙާސިލް ކުރެއްވީ، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ޕޯރޓްސްމައުތު އިންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!