ފަލަސްތީނުގެ މަސްވެރިންތަކަކަށް އިސްރާއިލް ސިފައިން ބަޑީގެ ހަމަލާތަކެއް ދީފިއެވެ.
ވަފާ ނިއުސް އެޖެންސީއިން މައުލޫމާތު ދޭގޮތުގައި، ބަޑީގެ ހަމަލާތަކުގައި މަސްވެރިއަކުވަނީ ޒަޙަމްވެފައެވެ. އޭނާއަށް ދަނީ އައް- ޝިފާ މެޑިކަލް ކޮމްޕްލެކްސްގައި ފަރުވާދެމުންނެވެ.
އިސްރާއިލްގެ ކަނޑުގެ ސިފައިން ފަލަސްތީނުގެ މަސްވެރިންތަކަކަށް ހަމަލާދީފައިވަނީ އަލް- ސުދާނިއްްޔާގެ އައްސޭރިފަށުގެ ހިސާބުންނެވެ. އަދި ބަޑީގެ ހަމަލާތަކުން ސަލާމަތްވުމަށް މަސްވެރިންތައްވަނީ މޫދަށް ފުއްމާލައިގެން އެއްގަމަށް އަރާފައެވެ.
ފަލަސްތީނުގެ މަސްވެރިންނަށް އިސްރާއިލް ސިފައިންގެ ދުއްތުރާތަކާއި އަބަދުވެސް ކުރިމަތިވެއެވެ. އެގޮތުން މަސް ބޯޓުތައް ހަލާކުކޮށްލުމާއި، ބޯޓުތައް އަތުލުންފަދަ ކަންތައްތައް ހިމެނެއެވެ. އަދި މިފަދަ ހާދިސާތަކުގައި މަސްވެރިންގެ ފުރާނައަށްވެސް ނުރައްކާވެފައި އެބަހުއްޓެވެ.
އިސްރާއިލާއި ފަލަސްތީނާއި ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން ގާޒާގެ އެއްގަމާއި 12 ނޯޓިނަލް މޭލު ބޭރާއި ހަމައަށް ފަލަސްތީނުގެ މަސްވެރިންނަށް މަސް ބޭނުމުގެ ހުއްދަ އޮވެއެވެ. އެހެންނަމަވެސް އިސްރާއިލް ސިފައިން ގިނަ ފަހަރަށް 3 ނޯޓިކަލް މޭލާއި ހަމައަށްވެސް މަސްވެރިކަން ކުރުމަށް ފަލަސްތީނުގެ މަސްވެރިންނަށް ފުރުސަތެއް ނުދެއެވެ.