އާއްމުކޮށް ނުފެންނަ ބާވަތުގެ ވިހަގަދަ ކޮލި މަހެއް އިނގިރޭސިވިލާތުގެ ބީޗަކަށް ލައްގައިފިއެވެ.
އިނގިރޭސިވިލާތުގެ ކޯންވޯލްގެ ބީޗަކުން މިމަސް ފެނިފައިވަނީ އެކި ބާވަތްތަކުގެ މަހުގެ ދިރާސާކުރުމަށް ޝައުގުވެރިވާ ފަރާތެއްކަމަށްވާ ކޮންސްޓެންސް މޮރިސްއަށެވެ. އޭނާވަނީ މިމަސް ގެއަށް ގެންގޮސް ފްރީޒަރަށް ލާފައެވެ. މިއީ މިމަހުގެ އިތުރު ދިރާސާތައް ކުރުމަށްކަމަށް އޭނާ ބުނެއެވެ.
ދިގު މިނުގައި ފޫޓެއް ހަމަނުވާ މިމަހަކީ އިނގިރޭސި ކަނޑުތަކުން އާއްމުކޮށް ފެންނަ ބާވަތުގެ މަހެއް ނޫނެވެ. ކޮންސްޓެންސް ބުނި ގޮތުގައި މިމަހުގެ ސިފަތައް އާއްމުކޮށް ފެންނަ މަސްތަކަށްވުރެ ތަފާތުވުމުން އެއީ ކޮން ކަހަލަ މަހެއްތޯ ބެލުމަށް ޝައުގުވެރިވީ ކަމަށެވެ.
އޭނާ ކުރި ދިރާސާތަކުން މިއީ އޯޝަނިކް ޕަފަރ ފިޝްއެއްކަން އެނގުނެވެ. މިއީ ވަރަށް ވިހަ ގަދަ މަހެކެވެ. އާއްމުގޮތެއްގައި މި ބާވަތުގެ މަސް ފެންނަނީ ޕެސިފިކް، އެޓްލާންޓިކް އަދި އިނޑިއާ ކަނޑުންނެވެ. ސީ އޮފް ޖަޕާނުންވެސް މިބާވަތުގެ މަސް ފެންނަ ކަމަށް ރިޕޯޓުކުރެއެވެ.