މި ޕްރޮޖެކްޓުގެ ދަށުން މަސްވެރި އުޅަނދުތަކުގައި ރެފްރިޖެރޭޓަޑް ސީ-ވޯޓަރ (އާރް.އެސް.ޑަބްލިޔު) ސިސްޓަމް ނުވަތަ ވަތުގައި ފެންފިނިކުރާ ނިޒާމު ޤާއިމުކުރުމަށާއި، އިއާދަކުރަނިވި ހަކަތަ އުޅަނދުތަކުގައި ބޭނުންކުރުމަށް ސޯލާރ ޕަވަރ ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ ފައިނޭންސިންގ ފޯރުކޮށްދިނުމަށް ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ފައިނޭންސިންގ ހަމަޖެހިގެންދާނީ އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސިންގ ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) އިން ހުޅުވާލާ ފައިނޭންސިންގ ސްކީމެއް މެދުވެރިކޮށެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް، އެންޑް އެގްރިކަލްޗަރ އާއީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ގުޅިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މި ޕްރޮޖެކްޓުގެ ދަށުން 2 ފިޔަވައްސަކަށް ބަހާލައިގެން ޖުމްލަ 200 މަސްވެރި އުޅަނދުގައި މިސިސްޓަމްތައް ހަރުކުރުމަށް ރާވާފައިވެއެވެ. ފުރަތަމަ ފިޔަވަހީގައި 100 މަސްވެރި އުޅަނދުގައި އާރ.އެސް.ޑަބްލިޔު ސިސްޓަމާއި ސޯލާރ ޕަވަރ ސިސްޓަމް ހަރުކުރެވިގެން ދާނެއެވެ. މި ފިޔަވަހި ކުރިއަށް ދާނީ 2022 އަދި 2023 ގައި ކަމަށް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.