މިޔަރުގެ އިތުރު 54 ބާވަތެއް ހިމާޔަތްކުރުމަށް އިންޓަރނޭޝަނަލް ޓްރޭޑު އެންޑު އެންޑޭންޖަރޑު ސްޕީސީސް ( ސައިޓްސް) ގެ ބައްދަލުވުމުގައި ނިންމައިފިއެވެ.
ޕެނަމާގައި ބޭއްވި ބައްދަލުވުމުގައި 183 ޤައުމަކާއި ޔޫރަޕިއަން ޔޫނިއަނުންވަނީ ބައިވެރިވެފައެވެ. މި ޤައުމުތަކުންވަނީ މިޔަރުގެ އިތުރު ބާވަތްތައްވެސް އެޤައުމުތަކުގައި ހިމާޔަތްކުރުމަށް ނިންމާފައެވެ. މިއާއެކު މިޔަރު އުރަހަ ވިޔަފާރިއަށް ބޮޑު އަސަރެއް ކުރާނެކަމަށް ލަފާކުރެއެވެ.
ހިމާޔަތްކުރުމަށް އެއްބަސްވެފައިވާ މިޔަރުގެ ބާވަތްތަކުގެތެރޭގައި ރިކުއިން ޝާކުގެ އާއިލާ އަށް ނިސްބަތްވާ މިޔަރުތަކާއި، ހެމަރހެޑު ޝާކުގެ އާއިލާއަށް ނިސްބަތްވާ މިޔަރުގެ ބާވަތްތައް ހިމެނެއެވެ.
ގިނަ އަދަދެއްގެ މިޔަރުގެ ބާވަތްތައް ހިމާޔަތްކުރުމަށް ސައިޓްސްގެ ޤައުމުތަކުން ނިންމާފައިވާއިރު، ދާދިފަހުން ކުރިއަށް ގެންދިޔަ ދިރާސާއަކުންވެސް ވަނީ މިޔަރުގެ ބައެއް ބާވަތްތަކުގެ އާބާދީ ކަންބޮޑުވާންޖެހޭ މިންވަރަށް ދަށަށް ދާ ކަމަށް ދައްކާފައެވެ.
އަދި މި ބާވަތްތަކުގެ މިޔަރުތައް މެނޭޖުކުރުމަށް އެދެވޭ މަސައްކަތްތަކެއް ކުރެވެމުން ނުދާނީ ދުނިޔެއިން ނެތިދާނެ ކަމުގެ ބިރު ދަނީ ބޮޑުވަމުންނެވެ.