ކުރީއަހަރެއްގައި  އެއްވަނައަށް ދިޔަ ޓީމް ހޫކް، ފޮޓޯ: ރ. މަޑުއްވަރީ މަސްވެރިން
ކުރީއަހަރެއްގައި އެއްވަނައަށް ދިޔަ ޓީމް ހޫކް، ފޮޓޯ: ރ. މަޑުއްވަރީ މަސްވެރިން

އެއްވަނަ ޓީމަކަށް 5000 ރުފިޔާގެ އިނާމާއެކު މިއަހަރުގެ މަސްވެރިންގެ ދުވަހުވެސް މަޑުއްވަރީގައި މަސްރޭސް ބާއްވަނީ

އެއްވަނަ ޓީމަކަށް 5000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖައްސައި، މި އަހަރުގެ މަސްވެރިންގެ ދުވަހުވެސް ރ. މަޑުއްވަރީގައި މަސްރޭސް ބާއްވަން އެރަށު ކައުންސިލްގެ އިދާރާއިން ނިންމައިފިއެވެ.

މަޑުއްވަރީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، މި އަހަރު ފާހަގަ ކުރާ ދިވެހިރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި، އެރަށުގައި ބާއްވާ މަސްރޭސް އޮންނާނީ  ޑިސެންބަރު 15 ވާ ބުރާސްފަތި ދުވަހު ކަމަށެވެ.

މަސްރޭހުގައި ބައިވެރިވުމަށް އެދެވޭ އެންމެ ފަހު ތާރީޚަކީ ޑިސެންބަރު 13 ވާ އަންގާރަ ދުވަހުގެ 14:00 އެވެ. މަސްރޭހުގެ ޤަވާޢިދާއި ރޭހުގައި ބައިވެރިވުމަށް އެދޭ ފޯމް މި އިޢުލާނާއި އެއްފަތްކޮށްފައިވެއެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މެއިލްކުރާނީ info@raamaduvvari.gov.mv އަށް ކަމަށާއި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް މަޑުއްވަރީ ކައުންސިލްގެ އިއުލާނުގައި ވެއެވެ.

މުބާރާތުގައި އެންމެ ގިނަ ކިލޯ ކިރުވާ ޓީމަކަށް 5000 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވާއިރު، ދެވަނަ ޓީމަށް 3000 ރުފިޔާ އަދި ތިންވަނަ ޓީމަކަށް 1500 ރުފިޔާގެ އިތުރުން މުބާރާތުގެ އެންމެ ބަރު މަސް ކިރުވާ ޓީމެއް ހޮވުމަށްވެސް ހަމަޖެހިފައިވެއެވެ.

މަސްވެރިންގެ ދުވަހާ ގުޅުވައިގެން، މިދިޔަ އަހަރު މަޑުއްވަރީގައި ކުރިއަށް ގެންދިޔަ މަސްރޭސް ކާމިޔާބުކޮށް، 5000 ރުފިޔާގެ އިނާމު ހާސިލު ކޮށްފައި ވަނީ "ޓީމް ހޫކް" އިންނެވެ.

5000 ރުފިޔާގެ އިނާމާއެކު މަޑުއްވަރީ މަސްރޭސް ކާމިޔާބު ކުރީ "ޓީމް ހޫކް"

ޖުމްލަ ހަ ޓީމު ބައިވެރިވި އެ މުބާރާތުގައި ޓީމް ހޫކް ފިޔަވައި ދެން ބައިވެރިވީ، ދެވަނައަށް ދިޔަ ރަތްޖާޑި ބުޖާޑި ޓީމުގެ އިތުރުން ތިންވަނައަށް ދިޔަ ވާނުވާ ޓީމް އަދި އިންފިނިޓީ، ލުބޫ އަދި ކަށި ތުނބި ޓީމެވެ.

މިދިޔަ އަހަރު އެއްވަނައަށް ދިޔަ ހޫކް ޓީމުން 66.72 ކިލޯގްރާމްގެ މަސް ވަނީ ބާނާފައެވެ. ދެވަނައަށް ދިޔަ ރަތްޖާޑި ބުޖާޑި ޓީމުން 58.52 ކިލޯގްރާމްގެ މަސް ބާނައި 3000 ރުފިޔާ ހޯދާފައިވެއެވެ. އަދި ތިންވަނައަށް ދިޔަ ވާނުވާ ޓީމުން 54.28 ކިލޯގްރާމް ބާނައި 1500 ރުފިޔާ ވަނީ ހޯދާފައެވެ.

ކާމިޔާބު އެއްވަނަ ހާސިލު ކުރި ޓީމުގައި ހިމެނުނީ:

  • އަބްދުއްލަފީފް އިބްރާހިމް
  • އަހުމަދު އަތީފް
  • ނަޒީފް އައްބާސް
  • މުހައްމަދު ޝިހާމް
  • އަހުމަދު ކާމިލު

މުބާރާތުގެ އެންމެ ބަރު މަސް ބޭނި ޓީމަކަށް މިިދޔަ އަހަރު ހޮވުނީ، މުބާރާތުން ދެވަނައަށް ދިޔަ ރަތްޖާޑި ބުޖާޑި ޓީމެވެ. އެޓީމް ވަނީ އެންމެ ބަރު މަސް ބާނައިގެން 500 ރުފިޔާގެ އިނާމު ހޯދާފައެވެ. އެޓީމުން ބޭނި މަހުގައި 8.36 ކިލޯގްރާމް ހުރި ކަމަށް ކައުންސިލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!