ހއ. އިހަވަންދޫ އައިސްޕްލާންޓުން ގޭސް ލީކުވެ، ބިދޭސީއެއްގެ ހާލު ސީރިއަސް ވެއްޖެއެވެ.
އެމޯނިއާ ގޭސް ލީކުވާތީ އިހަވަންދޫ އައިސް ޕްލާންޓް މިވަގުތު ވަނީ އޮޕަރޭޓްކުރުން މެދުކަނޑާލާފައެވެ.
މި ނޫހަށް މައުލޫމާތު ދެއްވަމުން އިހަވަންދޫ ކައުންސިލް މެމްބަރު އަހުމަދު ރިޟްވާން ވިދާޅުވީ، އެމްޓީސީސީ ސައިޓު ހުންނަނީ އައިސްޕްލާންޓާ ޖެހިގެން ކަމަށް މާތީ، އެތަނުގައި ހުރި ބިދޭސީއަކަށް ގޭހުގެ އަސަރުކޮށް، ހޭނެތުމުގެ ސަބަބުން ހާލުދެރަވެ، އިހަވަންދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާ ކަމަށެވެ.
ރިޟްވާން ވިދާޅުވީ، އެ ސަރަހައްދުގައި ގޭހުގެ ވަސް ވަރަށް ބޮޑަށް ފެތުރިފައި ވާކަމަށާއި މިވަގުތު އެސަރަހައްދު އެއްކޮށް ބަންދުކޮށްފައިވާ ކަމަށެވެ.
"ގޭސް ހޮޅީގެ ބުޑުން ލީކުވާކަމުގެ މައުލޫމާތު ލިބުނީ،" މަސް ފިނިކުރާ ނިޒާމުގެ ތެރެއިން އައިސް އުފެއްދުމަށް ބޭނުންކުރާ އެމޯނިއަމް ގޭސް ލީކުވާންފެށިގޮތް ހިއްސާކުރަމުން ރިޟްވާން ވިދާޅުވިއެވެ.
މީގެ އިތުރުން ރިޟްވާން ވިދާޅުވީ، މިރޭ 9 ޖަހާކަންހާއިރު ހިނގި މި ހާދިސާގެ ސަބަބުން އެ ސަރަހައްދުގައި ފުލުހުންނާއި އެމްއެންޑީއެފްއިން ހަރަކާތްތެރިވަމުންދާ ކަމަށާއި އަދިވެސް ގޭސް ލީކުވާކަމަށެވެ.
"އެ ސަރަހައްދުން ގާތްގަނޑަކަށް ބަލާނަމަ 400 އެއްހާ ފޫޓުގެ ސަރަހައްދެއް އެއްކޮށް ބައުންޑްރީކޮށް ބަންދުކޮށްފަ އޮތީ. ދެން ހާދިސާއާ ގުޅިގެން އެ ސަރަހައްދު އާއްމުރައްޔިތުންނަށް ބަންދު،" ރިޟްވާން ވިދާޅުވިއެވެ.