މަސްވެރިކަމާއި ގުޅޭ

DCIM100GOPROGOPR0803.JPG

ނިދަންމިޔަރު

ނިދަން މިޔަރަކީ ރާއްޖޭގެ ފަރުފަޅުތަކާއި ވިލުވިލުގައި ގިނައިންއުޅޭ މިޔަރެކެވެ.

މިއީ ކަނޑުފަޅުފީނާ އުޅޭ މީހުންނަށް ގިނައިން ފެންނަ މިޔަރެކެވެ. މިއީ ވަރުގަދަ ހަންގަޑެއް ލިބިފައިވާ ބަރުހެލި މިޔަރެކެވެ. ނިދަންމިޔަރުގެ މަހަކީ ކެއުމަށް ރަނގަޅު މަހެކެވެ. މިއީ ގާތްގަޑަކަށް 3 މީޓަރަށް ބޮޑުވާ މިޔަރެކެވެ. ނަމަވެސް އާންމުގޮތެއްގައި ފެނިފައި ހުންނަ މިބާވަތުގެ މިޔަރުގެ ބޮޑުމިނަކީ 2.5 މީޓަރެވެ.

މިބާވަތުގެ މިޔަރު ވިހާ ޅަމިޔަރުގައި ގާތްގަޑަކަށް 40 ސެންޓިމީޓާރު ހުރެއެވެ. ނިދަން މިޔަރުގެ ކާނާއަކީ ހިޔަމަ، ކަކުނި، އިހި، މުރަކަ، ބޯވަ، ބޯވަދިލަމަސް އަދި ކުދި މަހެވެ. މިބާވަތުގެ ގިނަ އަދަދެއްގެ މިޔަރު އެއްހިސާބެއްގައި ނިދާފައި ތިއްބާ ފެނުމަކީ ޢާންމުކަމެކެވެ. މިމިޔަރު ނިދާފައި ތިބޭއިރު ގިނައިން ތިބެނީ އެސޮރުމެންގެ ބޯ ހަރުހަރަށް ވައްދައިގެންނެވެ. މިހެން ތިބޭއިރުވެސް ގޯނާކޮށްފިނަމަ ހަމަލަދޭކަމީ ފާހަގަކުރެވިފައިވާ ކަމެކެވެ.

މިމިޔަރުގެ ކުލައަކީ މައިގަނޑު ގޮތެއްގައި މުށިކުލައެވެ. ބަނޑުދަށުގެ ކުލަ ބުރަކަށިމަތީގައި ހުންނަ މުށިކުލައަށް ވުރެ ފަނޑުވާނެއެވެ. އަދި އުރަހަތައް ހުންނަނީ އަޅިކުލައެއްގައެވެ. މިބާވަތުގެ މިޔަރުގެ އުރަހައަކީ ވިޔަފާރީގައި ބޭނުންކޮށްއުޅޭ އުރަހައެކެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!