Baakhiraa

އެއް ދުވަހުން އެންމެ ގިނަ މަސް ބޭނި ރިކޯޑު ބާޚިރާ ދޯންޏަށް!

ދިވެހި ރާއްޖޭގައި، ދޮށީގެ މަސްވެރިކަމުގައި އެއް ދުވަހުން އެންމެ ގިނަ މަސް ބޭނި ދޯނީގެ ރިކޯޑު، ގދ. ފަރެސްމާތޮޑާ "ބާޚިރާ" ދޯނިން ގާއިމު ކޮށްފިއެވެ.

މިފްކޯއިން މިއަދު ކުރި ޓުވީޓެއްގަިއ ބުނީ، އިއްޔެ ބާޚިރާ ދޯނިން، 58.6 ޓަނުގެ މަސް ކޫއްޑޫއަށްކިރުވާފައި ވާކަމަށެވެ އެހެންކަމުން އެއްދުވަހެއްގެ ދޮށީގެ މަސްވެެރިކަމުގެ އާ ރިކޯޑެއް އެ ދޯނިން ގާއިމު ކޮށްފައިވާކަމަށް މިފްކޯއިން ބުންޏެވެ.
"މި މަސްކިރުވައި ބާޚިރީ ދޯނިން ވަނީ 996,034ރ ގެ އާމްދަނީ އެއް ހޯދާފައި. ދޯނީގެ ފަޅުވެރިންނާއި ކެޔޮޅަށް މަރުހަބާ" މިފްކޯއިން ބުންޏެވެ.

އެއް ދުވަހުން އެންމެ ގިނަ މަސް ބޭނި ރެކޯޑު މީގެ ކުރިން ގާއިމު ކޮށްފައި ވަނީ ގދ. މަޑަވެލީ "ޓީއެސް" ލައިން ދޯނިންނެވެ. އެ ދޯނިން ވަނީ 57 ޓަނު މަސް ކޫއްޑުއަށް ކިރުވާފައެވެ.

އޭގެ ކުރިން، އެ ރިކޯޑު އޮތީ ގދ. ތިނަދޫ "ރަސްމަގު" ދޯނީގައެވެ. އެ ދޯނިން ވަނީ 2006 ވަނަ އަހަރު، އެއް ދުވަހުން 53 ޓަނު މަސް ބާނާފައެވެ.

ގދ. ފަރެސްމާތޮޑާގައި ދުއްވާ "ބާޚިރާ" އަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު މަސްވެރިކަން ކުރާ ދޯނިތަކުގެ ތެރޭގައި ހިމެނޭ ދޯންޏެކެވެ.

117 ފޫޓުގެ ދިގު މި ދޯންޏަކީ ރާއްޖޭގެ އެންމެ ބޮޑެތި މަސްދޯނި ތަކުގެ ތެރޭގައި ގުނާލެވޭ ދޯންޏެކެވެ. ދޯނީގެ އިންޖީނަކީ 1050 ހޯސްޕަވަރުގެ ބޮޑު އިންޖީނެކެވެ. މިއީ ރާއްޖޭގެ މަސްދޯނިފަރުގައި ބޭނުންކުރާ އެންމެ ބޮޑެތި އިންޖީނު ތަކުގެ ތެރޭގައި ހިމެނޭ އިންޖީނެކެވެ. މި ދޯނީގެ ދުވެލި އުޅެނީ ގަޑިއަކު 13 ނޯޓިކަލް މޭލުގައެވެ.

މި ދޯނީގައި 37 މަސްވެރިން ހަރަކާތްތެރި ވެއެވެ. ދޯނީގެ ދެކެޔޮޅުންނަކީ ގދ. ފަރެސްމާތޮޑާ، އެވިލާ، ހަސަން ޒަރީރާއި، ފަރެސްމާތޮޑާ ފެންފިޔާޒުގޭ މުޙައްމަދު ރަޝީދެވެ.

މި ދޯނީގެ ވެރިޔަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses