އެމެރިކާގެ ބީޗަކަށް ލެއްގި، އާއްމުކޮށް ނުފެންނަ ބާވަތުގެ މަހެއް، އެޤައުމުގެ ސްޓޭޓު ނެޗުރަލް ސައިންސަސް މިއުޒިއަމްގައި އާއްމުންނަށް ދައްކާލަން ބަހައްޓަން ނިންމައިފިއެވެ.
ޝާޕްޓެއިލް މޮލާ ނުވަތަ އޯޝަން ސަންފިޝް، ބީޗަށް ލައްގާފައިވަނީ މަރުވެގެންނެވެ. ހަ ފޫޓު ދިގު، ބަރުދަނުގައި 205 ކިލޯހުރި މި މަހަކީ އާއްމުކޮށް އިންސާނުންނަށް ފެންނަ ބާވަތުގެ މަހެއް ނޫނެވެ. އަދި ހާއްސަކޮށް މި ސައިޒުގެ މިހާ ބިޔަ މަހެއް މަރުވެގެން ލެއްގި އިރުވެސް އޭގެ ހަށިގަނޑު ފުރިހަމައަށް ހުރުންވެސް އެއީ މަދުން ނޫނީ ދިމާވާ ކަމެއް ނޫންކަމަށް ސައިންވެރިން ބުނެއެވެ. މި ސަން ފިޝްގެ އުމުރެއް އަދި މަރުވާން ދިމާވި ސަބަބެއް މުހާތަނަށް ސައިންސްވެރިންނަށް ދެނެގަނެވިފައެއް ނުވެއެވެ. އެމަސައްކަތް ޓީމަކުން ކުރަމުންދާ ކަމަށް މިއުޒިއަމުން ހާމަކުރެއެވެ.
ޕްލޭނާއި އެއްގޮތަށް ކަންތައްތައް ކުރިއަށް ގެންދެވިއްޖެ ނަމަ ކުރިއަށް އޮތް މަދު ހަފްތާތަކެއްގެ ތެރޭގައި މި މަސް މިއުޒިއަމްގައި ދައްކާލުމަށް ބެހެއްޓޭނެއެވެ.