ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް ލަންކާ މަސްބޯޓުތަކުން ވަނީ ގިނަ އަދަދަކަށް މިޔަރު ބާނާފައި ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޣާޒީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލްކުރުމުގެ ތެރެއިން އަތުލައިގަތް މި މަސްބޯޓު ތަކުގެ ތެރެއިން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް ހިފެހެއްޓި ދެ ބޯޓެއް، ކޯސްޓްގާޑް ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ބުދަ ދުވަހުއެވެ.
ސްރީލަންކާގެ މި ދެ ބޯޓަކީ "ބަނޫޒަން" ނަމަކަށް ކިޔާ ބޯޓަކާއި "ރަތު 01" ނަމަކަށް ކިޔާ ބޯޓެކެވެ. މި ދެ ބޯޓްގެ ތެރެއިން ކޮންމެ ބޯޓެއްގައި ވެސް ސްރީލަންކާގެ ހަ ފަޅުވެރިން ތިބި ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދިނެވެ.
ކޯސްޓްގާޑު ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެންދެވުނު ސްރީލަންކާގެ ތިންވަނަ މަސް ބޯޓަކީ "ލަކްޕްވިޔާ ދެނެތު" ނަމަކަށް ކިޔާ މަސް ބޯޓެކެވެ. ހަތް ފަޅުވެރިންނާއެކު ރާއްޖޭގެ ސަރަހައްދުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ މި ބޯޓް ކޯސްޓްގާޑު ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ބުރާސްފަތި ދުވަހުއެވެ.
"މި ބޯޓްތަކުން ގިނަ އަދަދަކަށް މިޔަރު ބާނާފައިހުރިއިރު، ބައެއް އެހެން ބާވަތްތަކުގެ މަސް ވެސް ހުރި" އެމްއެންޑީއެފްއިން މައުލޫމާތު ދިނެވެ.
ކޯސްޓްގާޑު ޝިޕް ޣާޒީގެ ބެލުމުގެ ދަށުން މި ބޯޓްތައް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު، މި ބޯޓްތައް ދޫނިދޫއާ ހަމައަށް އާދެވޭނެ ކަމަށް ލަފާކުރެވެނީ މިރޭ ދަންވަރު 1 ޖަހާކަންހާއިރު ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދިނެވެ.
One Response
މިއޮއްހާދުވަހު އިންޑިއާގެ މަސްބޯޓުތައް މިގައުުގެ ކަނޑުތައް ހިސޯރުކޮށް ހުރިހާ ބާވަތެއްގެ މަސް ދާއަޅައިގެން ހިފީމަވެސް، ބަހެއް ބުނަންވެސް ނުކެރި ތިބި ބަޔަކު ލަންކާގެ މަސްވެރީން މަސް ނެގީމާ އެލާޓުވީލެއް ހާދަ އަވަހޭދޯ.