މަސްދޯންޏެއްގައި ހުރި މަސްވެރިއެއްގެ ހާލު ދެރަވެގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ހާލު ދެރަވެގެން އެހީތެރިކަން ފޯރުކޮށްދީފައި ވަނީ އުމުރުން 42 އަހަރުގެ މަސްވެރިއަކަށެވެ.
އެމްއެންޑީއެފްއިން ބުނީ، މަސްވެރިކަމަށް ނުކުމެ އުޅުނު "ޢާއިލާ" ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ހުރި ފަޅުވެރިޔެއްގެ ހާލުދެރަވެގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުނީ މިއަދު ހެނދުނު 11:00 ހާއިރު ކަމަށެވެ.

ދ.ކުޑަހުވަދޫގެ 12 ނޯޓިކަލް މޭލު ބޭރުން އެ ދޯނި މަސްވެރިކަން ކުރަމުން ދަނިކޮށް ދިމާވި މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ އުޅަނދެއް އެ ދޯނި އޮތް ސަރަހައްދަށް ގޮސް، އެހީތެރިކަން ފޯރުކޮށްދީފައިވާމަކަށް އެމްއެންޑީއެފްއިން މައުލޫމާތުދިނެވެ.
"އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންއިން، ހާލު ދެރަވި ބަލިމީހާ ވަނީ މިއަދު 11:32 ހާއިރު ދ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްދީފަ،" އެމްއެންޑީއެފްއިން ބުންޏެވެ.